ކުޅިވަރު

ޑިފެންސް ނުކޮށް މިހާރުގެ ވޮލީގައި މޮޅެއް ނުވާނެ: ސާޖިދު


ވޮލީބޯޅާއިގައި މިހާރު ޑިފެންސް ނުކޮށް ހަމައެކަނި އެޓޭކްއާއި ބްލޮކްކޮށްގެން މޮޅުނުވާނެކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިހާރު ކުޅެމުން އަންނަ ރާއްޖޭގެ ޤައުމީ ޓީމު އިއްޔެ ވަނީ ސެމީ ފައިނަލްގައި އުޒްބެކިސްތާން އަތުން ސީދާ 3 ސެޓުން ބަލިވެ ރަން މެޑަލްއަށް ކުރަމުންއައި އުއްމީދު ގެއްލިފައެވެ. ނަމަވެސް ތިންވަަނަ ހޮވާ މެޗުގައި ތުރުކެމެނިސްތާން ބަލިކޮށް ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތު ރާއްޖެއަށް އަދި އެބައޮތެވެ.

އިއްޔެ އުޒްބެކިސްތާން އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު ސާޖިދު ބުނީ، ރާއްޖޭގެ ޓީމުގައި މިިހާރު އެޓޭކް ކުރުމާއި ބްލޮކް ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ސާޖިދު ބުނީ ހަމައެކަނި މައްސަލައަކީ ޑިފެންސް ނުކުރެވުން ކަމަށާއި، ޑިފެންސް ނުކޮށް މިހާރުގެ ވޮލީގައި މޮޅު ނުވާނެކަމަށެވެ. އެގޮތުން ސެމީ ފައިނަލްގައި މެޗުގައި ޓީމުގެ ޑިފެންސް ފެނިގެންދިޔައީ އެވަރެޖްގޮތެއްގައި ވަރަށް ދަށްކޮށްކަން ކޯޗު ސާޖިދު ފާހަގަކުރިއެވެ.

އުޒްބެކިސްތާން ކޮޅަށް ރަނގަޅު ފައިޓެއް ނުދެވުނު މައިގަނޑު ސަބަބެއް ގޮތުގައިވެސް ކޯޗު ފާހަގަކުރީ ބްލޮކް ނުކުރެވުމުގެ މައްސަލައެވެ. އެހެންނޫންނަމަ މި މެޗު ފަސް ސެޓަށް ދިޔައީސް ކަމަށް ކޯޗު ސާޖިދު ބުންނެވެ. ސާޖިދު ބުނީ ތިންވަނަ ހޮވާ މެޗު ކާމިޔާބުކުރުމަކީ މުސްތަޤްބަލަށް ބަލާނަމަ ކާމިޔާބުކުރުން ވަރަށް މުހިއްމު މެޗެއްކަމަށާއި، ބްރޯންޒް މެޑަލް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

"މިހާރު ރާއްޖެ ޓީމުގައި ހަމަ އެޓޭކްގައި އެއްވެސް މައްސަލައެއް ނެތް. މި ބްލޮކްގައިވެސް އެއްވެސް މައްސަލައެއް ނެތް ބްލޮކްވެސް ކުރޭ. ހަމައެކަނި ޑިފެންސް މި މައްސަލައަކީ. ޑިފެންސްނުކޮށް މިހާރުގެ ވޮލީގައި މޮޅެއް ނުވާނެ. މިއަދުގެ މެޗުގައި ރާއްޖެ ޓީމުގެ ޑިފެންސް އެވަރެޖްގޮތެއްގައި ދަށްހަމަ. އެއީ އަސްލު އަޅުގަނޑުމެންނަށް ރަނގަޅު ފައިޓެއް ނުދެވުނު ސަބަބަކީ. އެހެން ނޫންނަމަ މި މެޗު ފަސް ސެޓަށް ދުއްވާލެވުނީސް. ދެން ހަމަ އޮތް މެޗު ކާމިޔާބުކުރުމަކީ ކުރިޔަށް މުސްތަޤްބަލަށްވެސް ވަރަށް މުހިއްމު ކަމެއް. އެ މެޗުގައިވެސް އަޅުގަނޑުމެން ވަރަށް ހިތްވަރު ކުރާނެން ހަމަ މެޑަލް ހޯދަން." ކޯޗު ސާޖިދު ބުންޏެވެ.

ނޭޕާލުގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން، ރާއްޖެ އަށް މި ޒޯނުގެ މުބާރާތަކުގެ މެޗަކުން މޮޅެއް ހޯދުނީ 2016 ވަަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުންނެވެ. އޭގެ ފަހުން މި މުބާރާތުގައި ރާއްޖެ އަށް މޮޅެއް ލިބުނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލް އަތުންނެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާނާ ދެކޮޅަށް މިއަދު ރާއްޖެ ގަޑިން 4:15 ގައި ނުކުންނައިރު އެންމެ ފަހުން މާލޭގައި 2017 ވަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.