ކުޅިވަރު

މެޗުން ބަލިވި ނަމަވެސް، އުޒްބެކިސްތާނާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުނު: ފައިރޫޒް


އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި އުޒްބެކިސްތާން އަތުން ބަލިވި ނަމަވެސް، އެޓީމާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުނުކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް ބުނެފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އުޒްބެކިސްތާން ކާމިޔާބުކުރީ 25-20، 25-19 އަދި 25-21 އިންނެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ޤައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެެރިޔާ އާދަމް ފައިރޫޒް ބުނީ، ޖުމްލަކޮށް ބަލާނަމަ މެޗުގެ ޓީމުގެ ފަރާތުން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، ނަމަވެސް ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމަށެވެ. ފައިރޫޒް ބުނީ މުބާރާތައް ރާއްޖެއައީ ރަން މެޑަލް ހޯދަން ޓާގެޓް ކަނޑައަޅައިގެން ކަމަށާއި، އެ ފުރުސަތު މިހާރު ގެއްލުނު ނަމަވެސް މެޑަލް އެެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތްކަމަށެވެ. ފައިރޫޒް ބުނީ މި މުބާރާތުގައި ނޭޕާލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ދެއްކި ކުޅުން މި މެޗުގައި ނުދެއްކޭ ކަމަށާއި، އެ ކުޅުން ދެއްކުނު ނަމަ މެޗު ކާމިޔާބުކުރެވުނީސްކަމަށެވެ.

"އަނެއްހެން ކުޅުމަށް ބަލަންޔާ ހިތްހަމަޖެހޭ. ދެން ފައިޓެއް ދެވުން ދޯ. ދެން އުޒްބެކިސްތާން އެ އަންނަނީ އެއްވެސް މެޗަކުން ބަލިނުވެ. ދެން ނަތީޖާއާމެދު ހިތްހަމައެއް ނުޖެހޭ އެއްވެސް ގޮތަކަށް. އަހަރުމެންގެ ޓާގެޓެއް ނޫން މީކީ. ދެން އަދި އެކަމު މެޑަލް އެއް ނުގެއްލޭ. އަދި އެބައޮތް އަހަރުމެންނަށް ބްރޯންޒް ލިބެން. މާދަމާ މެޗުން މޮޅުވީމަ ބްރޯންޒް ލިބޭނެ. ދެން އަސްލު އިއްޔެ ދެއްކި ކުޅުމެއް ނުދެއްކޭ. އެކުޅުން ދެއްކުނު ނަމަ މެޗު ކާމިޔާބުކުރެވޭނެ". އާދަމް ފައިރޫޒް ބުންޏެވެ.

މިމަހުގެ 19 އިން 24 ގެ ނިޔަަލަށް ނޭޕާލްގައި ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 7 ޤައުމަކުން ވާދަކުރެއެވެ. މުބާރާތުގެ ފައިނަލަށްގައި ހޮނިހިރު ދުވަހު ބައްދަލުކުރާނީ ތުރްކެމެނިސްތާނާއި އުޒްބެކިސްތާންއެވެ. އަދި ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު 4:15 ގައި ދިވެހިރާއްޖެ ނުކުންނާނީ ތުރުކެމެނިސްތާނާއި ދެކޮޅަށެވެ.