ކުޅިވަރު

މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން: ސާޖިދު


ނޭޕާލްގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އުޒްބެކިސްތާން އަތުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރާއްޖެ ނުކުތީ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އުޒްބެކިސްތާނާއި ދެކޮޅަށެވެ. ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު މެޗުތަކުގެ ސެޓުތައް ދިޔައީ 25-20، 25-19 އަދި 25-21 އިންނެވެ. މި މެޗުން ބަލިވިނަމަވެސް މުބާރާތުގެ މެޑައްޔެ ހޯދުމުގެ ފުރުސަތު އަދި ރާއްޖެއަކަށް ނުގެއްލެއެވެ. އެގޮތުން ރާއްޖެއަށް ދެން އޮތް ހަމައެކަނި ފުރުސަތަކީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާންގެ މައްޗަށް ކުރިހޯދައި ބްރޯންޒް މެޑަލް ހޯދުމެއެވެ.

އުޒްބެކިސްތާން އަތުން ސީދާ 3 ސެޓުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު މުހައްމަދު ސާޖިދު ބުނީ، މި ފެންވަރުގެ ޓީމުތަކާއި ދެކޮޅަށް ކުޅޭއިރު ޕޮއިންޓް ހޯދަން ލިބޭނީ މަދު ފުރުސަތެއް ކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެކަމަށެވެ. ސާޖިދު ބުނީ އުޒްބެކިސްތާނަށް ނުވެގެން ރާއްޖޭގެ ކޯޓުގެ ތެރެއަށް ފޮނުވާލާ ބޯޅަތައް ރިސީވް ނުކުރެވުމުން އެހިސާބުން ޓީމުގެ ކުޅުން ދަށްވެގެން ދިޔަކަށެވެ. ކޯޗު ބުނީ ކުޅުންތެރިންގެ އަތް މަތިން ފޮނުވާލާ ބާރު ބޯޅަތައް ރިސީވް ނުކުރެވިދާނެކަމަށާއި، ނަމަވެސް ޖެހިގެން ހައެއް ނުވަތަ ހަތް ފަހަރު ބޯޅަ ވެއްޓިފައި އެބަހުރިކަމަށެވެ.

"އަސްލު މި ފެންވަރުގެ ޓީމުތަކާއި ދެކޮޅަށް ކުޅޭއިރު ލިބޭނީ މަދު ފުރުސަތެއް. އެ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ. ފުރަތަމަ އަޅުގަނޑުމެންނަށް ހަމަ ސެޓު ފަށައިގެންވެސް އެ ފުރުސަތު ލިބުނު. އެމީހުންނަށް ނުވެގެން އަޅުގަނޑުމެންނާއި ހަވާލުކުރާ ބޯޅަތައް އަޅުގަނޑުމެންގެ ކޯޓުގެ ތެރެއަށް ފެނުޖެހެން ފެށީމަ އެހިސާބުން ދެން އަޅުގަނޑުމެން ޓީމު ބޮަޑަށް ދަށްވީ. މިހާރު ޑިފެންސް ވައްޓާ ބޯޅަތައް މިސާލަކަށް މި އަތްމަތިން ޖަހާ ބޯޅަތައް ކޯޓުތެރެއަށް ބަން ކިޔާފައި ހިތްލާ ބޯޅަތައް އޭއްޗިހި ބައެއް ފަހަރު ނުނެގިދާނެ. އެކަމު ތަކުރާރުކޮށް އަޅުގަނޑުމެންގެ ކޯޓުތެރެއަށް ވިދިވިދިގެން ހަ ބޯޅަ ހަތް ބޯޅަ އެއްލާ ބޯޅަ އެބަހުރި ފެނުޖެހިފައި. އޭއްޗިހި ނުނަގައެއް މޮޅެއް ނުވެވޭނެ." ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ބަލިވި ތުރުކުމެނިސްތާނާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 4:15 ގައެވެ.

ރާއްޖޭން އެންމެ ފަހުން ސެންޓްރަލް ޒޯނުގައި މެޑަލެއް ހޯދީ 2016 ވަނަ އަހަރު ބަންގްލަދޭޝްގަ ެވެ. އެ ފަހަރު ލިބުނީ ތިންވަނަ އެވެ.