ޚަބަރު

ކުޑަކުދިންގެ ހިޔާގައި ކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލަތަކަކީ ކުރީގެ ސަރުކާރުގައި ހިނގާފައިވާ ކަމެއް - ޖެންޑަރ މިނިސްޓްރީ


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އިހުމާލުވިކަމަށް ބުނެ އެންޓި ޓޯޗަރ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ކުރީ ސަރުކާރުގައި ހިނގާފައިވާ ކަންތައްތަކެއްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކޮށްފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އެންޓި ޓޯޗަރ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދަނީ ހަޤީޤަތް އޮޅޭ ގޮތަށްކަމަށެވެ. އެގޮތުން، އެއީ މި ސަރުކާރުގައި ހިނގާފައިވާ ކަންތައްތަކެއް ނޫންކަމަށާއި އަނިޔާގެ މި މައްސަލަތައް ދިމާވެފައިވަނީ ކުރީގެ ސަރުކާރުގައިކަމަށެވެ.

އެޗްއާރްސީއެމަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހާއި ހަމައަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާފައިތިބޭ ތަންތަނުގައި އެ ކުދިންނަށް އަނިޔާކުރި މައްސަލަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، ކުޑަކުދިންގެ ހިޔާގައި ކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނެ ހުށަހެޅުނު 22 މައްސަލައެއް ހިމެނޭކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.