ވިޔަފާރި

މަސީގެ ބިލްޑެކްސް އެކްސްޕޯ ފަށައިފި


އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ބާއްވާ ބިލްޑެކްސް މޯލްޑިވްސް ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެކްސްޕޯއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރު އައިމިނަތު ސޫޒަން ވިދާޅުވީ، އިމާރާތްކުރާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަންކަން ހަރުދަނާކުރުމަށް އެކްސްޕޯގެ ތެރެއިން ބާރުއަޅާނެކަމަށެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ކުންފުނިތަކަށާއި އާންމުންނަށް ފޯރުކޮށްދީ މި ސިނާއަތަށް ގިނަ މީހުން ޝައުޤުވެރިކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަކީ އެކްސްޕޯގެ މަޤްސަދެއްކަމަށް ސޫޒަން ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯގައި 10 ޤައުމަކުން 100 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. މިއަހަރުގެ އެކްސްޕޯގެ ތީމަކީ "ބިލްޑް ސޭފް ލިވް ސޭފް" އެވެ.

މިއީ ކޮންސްޓްރަކްޝަން ސިނާޢަތަށް ޙާއްސަ ކޮށްގެން މަސީން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ. ނަމަވެސް މިއަހަރުގެ އެގްޒިބިޝަން މި ބާއްވަނީ 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ.