ޚަބަރު

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ތިނަދޫ ބައިވެރިވަނީ


މި އަހަރު ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ގދ.ތިނަދޫ ބައިވެރިވާން ނިންމައިފިއެވެ.

ޕީއެސްއެމް ސްޕޯޓްސަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ރިޔާޒް ރަޝީދު ވިދާޅުވީ އެ މުބާރާތުގައި ތިނަދޫގެ ޓީމެއް ބައިވެރިކުރުވުމަށް ނިންމައި، ބައިވެރިވާ ޓީމުގެ ކަންކަން ބަލަހައްޓައި، އިންތިޒާމު ކުރުމަށް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކޮމިޓީއަކީ އެ ރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއްކަމަށާއި ޓީމުގެ ކަންކަން ނިންމާނީ އެ ކޮމެޓީންކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޓީމުގެ ފަރިތަކުރުންތައް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. އަދި ކޮމެޓީ އެކުލަވާލުމަށްފަހު ވަރަށް އަވަހަށް ޓީމަށް ކޯޗެއް ނެގުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށާފައިވަނީ 2015ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ އުފަލުގައެވެ. މިއަހަރު ވެގެންދާނީ މި މުބާރާތް ބާއްވާ 5ވަނަ އަހަރަށެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ.