ކުޅިވަރު

ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، އެކަމުގެ ފުރިހަމަ ޒިންމާ ނަގާނަން: ސާޖިދު


ނޭޕާލްގައި މިހާރު ކުރިޔަށްދާ އެވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ސެމީ ފައިނަލްގައި މިއަަދު އުޒްބެކިސްތާނާއި ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމު އުޒްބެކިސްތާނާއި ދެކޮޅަށް ސެމީ ފައިނަލަށް ނުކުތުމުގެ ކުރިން ޓީމު ތިބޭ ހޮޓަލުގައި ހުރެ ނޫސްވެރިންނާއި ވާހަކަދައްކަމުން ސާޖިދު ބުނީ، މިއަދުގެ މެޗުގައި ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނޯންނާނެކަމަށާއި، މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެކަމުގެ ފުރިހަމަ ޒިންމާ ކޯޗު ނަގާނެކަމަށެވެ.

ކޯޗު ސާޖިދު ބުނީ ސެމީ ފައިނަލުގައި އުޒްބެކިސްތާނާއި ދެކޮޅަށް ނުކުންނައިރު ރާއްޖެ ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކަށްވާނީ އެޓީމުގައި ހިމެނޭ އިސްކޮޅުން ދިގު ސެޓަރުކަމަށެވެ. ނަމަވެސް އިއްޔެ ނޭޕާލާއި ދެކޮޅަށް ދެއްކި ކުޅުން މި މެޗުގައި ދައްކައިފިނަމަ ރާއްޖެ ބަލިކުރަން އުޒްބެކިސްތާނަށް އުނދަގޫވާނެކަމަށްވެސް ކޯޗު ސާޖިދު ބުންޏެވެ. ސާޖިދު ބުނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލް އެމީހުން އަމިއްލަ ފަސްގަނޑުގައި ބަލިކުރެވުމުން ކުޅުންތެރިން ތިބީ ވަރަށް ޖޯޝާއި ފޯރީީގައިކަމަށާާއި، އެ ޖޯޝާއި ފޯރީގައި ނުކުމެއްޖެނަމަ އުޒްބެކިސްތާން ބަލިކުރެވޭނެކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން މިހާރު މިއޮތީ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ދެން އަޅުގަނޑުމެން މި ޖެހެނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި. ދެން މުބާރާތުގައިވެސް ހަގީގަތުގައި އޮތް އެންމެ ވަރުގަދަ ޓީމު އެއީ އުޒްބެކިސްތާން. ޙާއްސަކޮށް އުޒްބެކިސްތާނުގެ ސެޓަަރު އަޅުގަނޑު ފާހަގަކުރަން. އިސްކޮޅުން އެންމެ ދިގު ޓީމުގައި ހުރި ކުޅުންތެރިޔާއެއީ. އެއީ އަސްލު ރާއްޖެ ޓީމަށް ދިމާވާނެ އެންމެ އުނދަގޫ ކަމެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އެކަމު ރާއްޖެ ޓީމު އިއްޔެ ދެއްކި ކުޅުމަށް ބަލާއިރުގައި އެވަރަށް ރާއްޖެ ޓީމު ސްޓާޓިންގ ޖައްސައިފީއްޔާމު ހަމަ އެޓީމަށްވެސް އުނދަގޫވާނެ ރާއްޖެ ޓީމު ހިފަހައްޓަން." ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

7 ޤައުމު ވާދަކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކިރްގިސްތާނެވެ.

ސެމީ ފައިނަލްގައި ރާއްޖެއާއި އުޒްބެކިސްތާން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 3:45 ގައެެވެ. މި މެޗުވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.