މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ 2" އިން އަކްޝޭ ފެނިދާނެތަ؟


2007 ވަނަ އަހަރު ރިލީޒްކުރި ތްރިލަރ މިސްޓްރީ ހިންދީ ފިލްމް "ބޫލް ބުލައްޔާ"އަކީ އަކްޝޭ ކުމާރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމް ރިލީޒް ކުރިތާ 12 އަހަރު ފަހުން މީގެ ސީކުއެލްއެއް ނެރުމަށް ނިންމައި، ފިލްމްގެ ފުރަތަމަ ޕޯސްޓަރު މިވަނީ އާއްމުކޮށްފައެވެ.

އަކްޝޭގެ ފިލްމީ ކެރިއަރުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ "ބޫލް ބުލައްޔާ"ގެ ދެވަނަ ބައިން ކޮންމެވެސް ގޮތަކުން އަކްޝޭ ފެނިގެން ދިއުމަކީ އޭނާގެ ފޭނުން އުއްމީދު ކުރާނެ ކަމެއްކަން ޔަޤީނެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް ފިލްމްގެ ފުރަތަމަ ޕޯސްޓަރ ދޫކޮށްލާފައިވާއިރު، ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ ލީޑު ރޯލަށް ހަމަޖައްސާފައިވާ އަރަމުން އަންނަ ޒުވާން ތަރި ކާތިކް އާރިޔާނެވެ.

ފިލްމްގެ އޮފިޝަލް ޕޯސްޓަރާއެކު މި ފިލްމް ރިލީޒް ކުރާ ތާރިޚު ވެސް ވަނީ ހާމަ ކޮށްފައެވެ. ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި އެއްތިރީހުގައެވެ.

"ބޫލް ބުލައްޔާ 2" އަކީ އަނީސް ބަޒްމީ ޑައިރެކްޓް ކޮށް ބޫޝަން ކުމާރުގެ ޓީ- ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
ފިލްމުގެ ލީޑް ތަރިއަކަށް ކާތިކް ހަމަޖެއްސިނަމަވެސް، ފިލްމްގެ އިތުރު ކާސްޓުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފިލްމުން އަކްޝޭ ކުމާރު ފެނިދާނެކަމުގެ ވާހަކަ ތަކެއްވެސް މިވަނީ ފެންމަތި ވެފައެވެ.

އިންޑިއާގެ ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން އަކްޝޭއާއެކު "ވެލްކަމް" "ސިންގް އިޒް ބްލިންގް" ފަދަ ފިލްމުތަކުގައި މަސައްކަތް ކުރި އަޒްމީ ބުނީ އަކްޝޭއާއެކު މަސައްކަތް ކުރުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއްކަމަށާއި، އޭނާއާއި އަކްޝޭގެ ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ. މި ފިލްމުގައި އަކްޝޭގެ ފެނިގެންދިއުމަކީ އުފާވެރިކަން ގެނުވާނެ ކަމެއްނަމަވެސް، "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިން އަކްޝޭ ފެނިދާނެކަމާމެދު އުފައްދާ ސުވާލުތަކަށް އެއްޗެއް ބުނަން އަދި އަވަސް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ބޫލް ބުލައްޔާ"ގެ ފުރަތަމަ ބައިން އަކްޝޭގެ އިތުރުން ވިދްޔާ ބާލަން، އަމީޝާ ޕަޓޭލް، ޕަރޭޝް ރާވަލް، ޝައިނީ އަހޫޖާ ފެނިގެންގޮސްފައިވާއިރު މިއީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ފިލްމެކެވެ.
މި ފިލްމްގެ ސީކުއަލްއިން ކާތިކް އާއެކު ފެނުން އެންމެ ގާތީ ސާރާ ޢަލީ ޚާން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެހެންވެއްޖެނަމަ މިއީ ކާތިކްއާއި ސާރާގެ ޖޯޑު ފެނިގެންދާނެ ދެވަނަ ފިލްމަށް ވެގެންދާނެއެވެ. އިމްތިޔާޒް ޢަލީ ޑައިރެކްޓްކުރާ "ލަވް އާޖް ކަލް"ގެ ސީކުއަލްއިންވެސް މި ދެތަރިން އެކުގައި ފެނިގެންދާނެއެވެ.