މުނިފޫހިފިލުވުން

ހުޅުމާލޭ ޝުވެކް ސިނަމާގައި "ލީނާ" އަޅުވަނީ


އެންމެ ފަހުން އޮލިމްޕަހުގެ ބޮޑު ސްކްރިނަށް އައި ފިލްމަކީ ފިލްމު ލީނާއެވެ.
މިދިޔަ މަހު ރިލީސް ކުރި މި ފިލްމު ވަނީ އޮލިމްޕަހުގެ ބޮޑު ސްކްރީން ގައި ކާމިޔާބު ކަމާއެކު ދައްކައި ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯދާފައެވެ.

އެހެންކަމުން މިހާރު މިވަނީ މިމަހުގެ 29 ގައި ހުޅުމާލޭ ޝުވެކް ސިނަމާގައި ވެސް މި ފިލްމު އަޅުވަން ތައްޔާރު ވެފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން މި ފިލްމުގެ ޑައިރެކްޓަރ ޢަބްދުﷲ މުޢާޒު (މުއާ) ބުނީ މި މަހުގެ 29 ން ފެށިގެން ހުޅުމާލޭ ޝުވެކް ސިނަމާގައި މި ފިލްމު އަޅުވަން ތައްޔާރު ވެފައިވާއިރު، އަންނަ އާދީއްތަ ދުވަސް ކަމަށްވާ 25 އިން ފެށިގެން މި ފިލްމުގެ ޓިކެޓް ހުޅުމާލޭ ޝުވެކް ސިނަމާއިން ބުކް ކުރެވޭނެ ކަމަށެވެ. މަދުވެގެން 8 ވަރަކަށް ޝޯ އަޅުވާނެ ކަމަށް ވެސް މޫއާ ބުންޏެވެ.

ބެލުންތެރިން ގެ ބޮޑުތަރުޙީބެއް ލިބޭކަން ފާހަގަކޮށް މުއާ ބުނީ އެތައް ބައެއްގެ އެދުމުގެ މަތިން މިހާރުވެސް މި ފިލްމު ވަރަށް ގިނަ ރަށް ރަށުގައި އަޅުވާފައި ވާކަމަށެވެ.

މި ފިލްމަކީ ދިވެހި ވިޔަފާރި ވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ތެރޭގައި ރަޙުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުއައްޒަފެއް ކަމަށްވާ ޢަޒްލީނާ ނަފީސްގެ މަރުގެ ޙާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ފިލްމުގައި މުޖުތަމައުގައި ހިނގާ ތަފާތު މައްސަލަތަކުގެ އިތުރުން ހެއްވާ މަޖާ ކަންތައް ތަކެއްވެސް ފެނިގެން ދެއެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މަރިޔަމް ޢައްޒައާ، އަލީ ޢާޒިމް (ދޮން އައްޔަ) އެވެ. އަދި ވިލަންއެއް ގެ ގޮތުގައި ފެނިގެން ދަނީ ޢަބްދުﷲ މުޢާޒު (މުއާ) އެވެ. މީގެ އިތުރުންވެސް އެތައް ހުނަރުވެރި ފަންނާނުންނެއް މި ފިލްމުން ފެނިގެންދެއެވެ
މި ފިލްމަށް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި ތަފާތު ފާޑު ކިޔުތުން ތަކެއް އަމާޒު ވެފައިވެއެވެ.
ނަމަވެސް މި ފިލްމު މިހާރު މިވަނީ ކާމިޔާބު އެތައް ޝޯ ތަކެއް އަޅުވާ ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯފާދައެވެ. ހަމައެއާއެކު ބެލުންތެރިންގެ މެދުގައި ހިޓް ފިލްމަކަށް ވެފައެވެ.