ޚަބަރު

ނޭޕާލް މެޗުގައި ދެއްކި ކުޅުން ދައްކައިފިނަމަ، ބަލި ނުކުރެވޭވަރުގެ ޓީމެއް ނެތް: ސާޖިދު


ނޭޕާލްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލާއި ދެކޮޅަށް ދެއްކި ކުޅުން ދައްކައިފިނަމަ، ބަލި ނުކުރެވޭވަރުގެ ޓީމެއް ނޯންނާނެކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ޖުމްލަ 7 ޤައުމަކުން ވާދަކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މުބާރާތް ބާއްވާ ނޭޕާލް ސީދާ ތިން ސެޓުން ބަލިކޮށް ރާއްޖެވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ، 22-25، 21-25 އަދި 14-25ންނެވެ. މި ނަތީޖާއެކު ނޭޕާލް ކަޓުވާލުމަށްފަހު ރާއްޖެއާއެކު ގްރޫޕް އޭއިން ކިރްގިސްތާންވެސްވަނީ ސެމީ ފައިނަަލަށް ދަތުރުކޮށްފައެވެ.

ނޭޕާލް އަތުން ބަދަލު ހިފި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު މުޙައްމަދު ސާޖިދު ބުނީ ނޭޕާލާއި ދެކޮޅަށް ދެއްކި ކުޅުން ދައްކައިިފިނަމަ މި މުބާރާތުގައި ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޯންނާނެކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ރާއްޖެ ނުކުންނާނީ އިދިކޮޅުން ނުކުންނަ ޓީމަކީ ރާއްޖެއަށްވުރެއް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެންކަމަށާއި ސެމީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާނެކަމަށް އުއްމީދު ކުރާކަމަށެވެ. ސާޖިދު ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލިވުމުން ޓީމުގެ އަޒުމަކަށްވީ ނޭޕާލް ބަލިކޮށް ސެމީ ފައިނަލަށް ދިއުމަށްކަމަށެވެ. އަދި ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި ނޭޕާލް ބަލިކޮަށް ސެމީ ފައިނަލަށް ދަތުރުކުރެވެމުން ވަރަށް ހިތްހަމަޖެހޭކަމަށްވެސް ކޯޗު ބުންޏެވެ.

"ދެން އަސްލު އަޅުގަނޑުމެން ކިރްގިސްތާން އަތުން ބަލިވީމަ ޓީމުގެ އަޒުމަކަށްވީ، ނޭޕާލް މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދިއުމަށް. ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި މިހާ މޮޅަށް ކުޅެ މޮޅުވީމަ ވަރަށް އުފާވޭ. ހަޤީޤަތުގައި ރާއްޖެ ޓީމު މިހާރު ވަރަށް މޮޅު. ކިރްގިސްތާން މެޗުގައި ދިމާވި ހަމައެކަނި މައްސަލައަކީ މެޗުގެ ދެވަނަ ސެޓު ކާމިޔާބު ނުކުރެވުން. ކުރިޔަށް އޮތް ސެމީ ފައިނަލް މެޗުގައިވެސް ރާއްޖެ ޓީމު މޮޅަށް ކުޅެ މޮޅުވާނެކަމުގެ އުއްމީދު ވަރަށް ބޮޑު،" ކޯޗު ބުޏްނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ނުކުންނާނީ ވަރުގަދަ އުޒްބެކިސްތާނާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑީން 3:45 ގައެވެ. މި މެޗުވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.