ޚަބަރު

ޔޫތު މިނިސްޓްރީ އާ ދެކޮޅަށް ނެރެދޭން އެދުނު އަމުރު ނެރެނުދިން


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް) ގެ ކުރީގެ ރައީސް މުޙައްމަދު ލަޠީފް ޔޫތު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.

ލަތީފު ޔޫތު މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަނީ ވީއޭއެމް އާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ހުށައަޅާފައިވާތީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ އެސޯސިއޭޝަނުން ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލުމަށާއި، ހަމަ އެތާރީޚުގައި އެ އެސޯސިއޭޝަންގެ ހިންގުމާއި، އޮފީހާއި، އެންމެހައި ލިޔެކިޔުންތަކާއި، އަދި އެހެނިހެން ސާމާނާއި ވަޞީލަތްތަކާއި ތަކެތި އެ ކޮމެޓީއާއި ޙަވާލުކުރުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމާފައިވާ ނިންމެވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނު އެއް ސަބަބުކަމަށް ބުނެފައި އޮތީ ޔޫތް މިނިސްޓްރީގެ އެންގުމާ އެއްގޮތައް އަމަލުކޮށް، އޭނައަށާއި ވޮލީބޯލް އެސޯސިއޭޝަނަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ހުޅުވާލައިފިނަމަ، އެ އެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޚާބު ވެފައިވާ ހިންގާ ކޮމެޓީގެ ދައުރު ހަމަނުވަނީސް، އެކޮމެޓީގެ މެންބަރުން މަޤާމުން ދުރުކުރެވިފައިވުމުގެ ސަބަބުން އެ މެމްބަރުންނަށް އިޢާދަނުކުރެވޭނޭ ބޮޑު ގެއްލުމެއް ލިބިގެންދާނެތީއެވެ.

އަދި އެ ސިޓީއަށް އަމަލު ކޮށްފި ނަމަ ވީއޭއެމްއަށް ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން ލިބިފައިވާ މެމްބަރޝިޕަށް އިޢާދަނުކުރެވޭ ފަދަ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި މިއަހަރުގެ ތެރޭގައި، ރާއްޖެއިން ބައިވެރިވުމަށް ހަމަ ޖެހިފައިވާ ބައިނަލް އަގުވާމީ ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ބައިވެރިކުރުމަށް ހުރަސް އެޅިގެން ގޮސްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް ޔޫތް މިނިސްޓްރީން ވަނީ އެ އަމުރު ނެރުމަށް ކޯޓުގައި ދެކޮޅު ހަދާފައެވެ. އެހެން ކަމުން ދެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލައި ޔޫތް މިނިސްޓްރީ އާ އެއްކޮޅަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ވަގުތީ އަމުރެއް ނެރެންޖެހޭ ޙާލަތުގެ ކަމެއް، ލަޠީފުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެފައި ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދަޢުވާކުރާ، ލަތީފުގެ ފަރާތުން އެދިފައިވާ ގޮތަށް މިވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ، އެ ދަޢުވާގެ މައުޟޫއުގައި، ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެކަމަކަށް، ޝަރީއަތައް ޤަބޫލު ކުރެވޭ ކަމަށެވެ.

ޔޫތް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގައި ލަތީފު އެދިފައިވަނީ ވޮލީބޯލް އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމާފައިވާ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާއި، ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ޤަވާޢިދާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށް ކަޑައަޅައި ދިނުމަށާއި، އަދި އެނިންމުމަކީ، ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި ދެއްވުމަށެވެ.