ޚަބަރު

ވިލުފުށީގައި ޓަރފް ދަނޑު އެޅުމުގެ ސަބްވޭ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


ތ.އަތޮޅު ވިލުފުށީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޓަރފް ދަނޑުގެ ސަބްވޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެންޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ރަސްމީކޮށް މަސައްކަތް ހަވާލުކުރީ ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ އަޙުމަދު މަހްލޫފެވެ. އެމްޓިސީސީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މި ޓަރފް ދަނޑު ވެގެންދާނީ ވަރަށް ފެންވަރު ރަނގަޅު ދަނޑަކަށް ކަމަށާއި މަސައްކަތް ބަޔަކާއި ހަވާލު ނުކުރެވި ލަސްވީ ރަނގަޅު ފެންވަރެއްގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަގުތު ނެގުމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެކުރިން ސަރުކާރުން އަޅާފައިވާ ދަނޑުތަކުގެ ފެންވަރު އެހާ ރަނގަޅު ނޫން ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ވަގުތު ނެގިކަމުގައި ވިޔަސް ފެންވަރު ރަނގަޅު ދަނޑުތަކެއް އަޅަން ކަމަށެވެ. އަދި އެމްޓީސީސީން ދަނޑުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ނިންމުމުން ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ކޮންޓްރެކްޓުގައި ސޮއެކުރުމަށްފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހް ވިދާޅުވީ 60 ދުވަސް ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވުމުގައި ބުނެފައިވީނަމަވެސް އެ މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ހަފްލާގައި ވިލުފުށި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަފީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.