ޚަބަރު

އީދު ބަންދުގައި އެކި އަތޮޅުތަކުން 417 މައްސަލަ ހުށަހެޅި، އެންމެ ގިނައީ ވައްކަން - ފުލުހުން


ނިމިދިޔަ އަޟްހާ ޢީދު ބަންދުގައި އެކި ރަށްރަށުން 417 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅު ތެރެއިން އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ އައްޑޫ ސިޓީންނެވެ. އެ ސިޓީން 85 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި އަތޮޅު ތެރެއިން އެންމެ ގިނައިން ހުށައަޅާފައި ވަނީ ވައްކަމުގެ މައްސަލައެވެ.

އެކި އަތޮޅުތަކުން އީދު ބަންދު ތެރޭގައި ވައްކަމުގެ 100 މައްސަލައެއް ހުށައަޅާފައިވާއިރު އައްޑޫ ސިޓީން އެކަނި ވެސް ވައްކަމުގެ 29 މައްސަލައެއް ހުށައަޅާފައިވެއެވެ. މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ވެސް ފުލުހުނަށް އެ މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާއިރު އެންމެ ގިނައިން އެ ބާވާތުގެ މައްސަލަ ހުށަޅާފައިވަނީ މ.އަތޮޅުންނެވެ. އެގޮތުން މަސްތުވާތަކެތީގެ 19 މައްސަލައެއް އެ އަތޮޅުން ހުށައަޅާފައިވާއިރު ދ.އަތޮޅާއި ފުވައްމުލަކު ސިޓީން 15 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި މާރާމާރީގެ 33 މައްސަލައަކާއި ފޭރުމުގެ 3 މައްސަލައަކާއި ޖިންސީ ގޯނާ ކުރުމުގެ 5 މައްސަލައެއްގެ އިތުރުން ގެވެށިއަނިޔާގެ 6 މައްސަލައެއް ފުލުހުނަށް ހުށައަޅާފައިވެއެވެ. އަދި މަގުމަތީ އެކްސިޑެންޓްގެ 14 މައްސަލައަކާއި މުދަލަށް ގެއްލުންދިނުމުގެ 29 މައްސަލައަކާއި މުދަލާއިތަކެތި ގެއްލިގެން ހުށަހެޅުނު 18 މައްސަލައެއްގެ އިތުރުން އެހެނިހެން 126 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.

ފުލުހުން ވަނީ މި މަހުގެ އީދު ބަންދުގެ ކުރީ ހަފްތާގައި ފުލުހުންނަށް ހުށައެޅި މައްސަލަތަކުގެ ތަފާސް ހިސާބުތައްވެސް އާންމުކޮށްފައެވެ. އެގޮތުން އީދު ބަންދު ހަފްތާގެ ކުރީ ހަފްތާގައި މާލެއިން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މި މަހުގެ އެކަކުން 8 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން 441 މައްސަލައެއް ހުށައަޅާފައިވާއިރު 9 ވަނަ ދުވަހުން ފެށިގެން 17 ދުވަހުގެ ނިޔަލަށް ހުށައަޅާފައިވަނީ 374 މައްސަލަ އެވެ. ނަމަވެސް އެކި އަތޮޅުތަކުން އީދު ބަންދުގައި ހުށައެޅި މައްސަލަތައް އިތުރުވެފައިވާއިރު އީދު ބަންދުގެ ކުރީ ހަފްތާގައި ފުލުހުންނަށް ހުށައަޅާފައި ވަނީ 375 މައްސަލައެވެ.