ޚަބަރު

ސީދާ 3 ސެޓުން ނޭޕާލް ބަލިކޮށް، ރާއްޖެ ސެމީ ފައިނަލަށް


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ގުރޫޕް ސެޓޭޖްގެ ފަހު މެޗުގައި މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލް ސީދާ 3 ސެޓުން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ނޭޕާލާ ދެކޮޅަށް ރާއްޖެއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 25-22، 25-21 އަދި 25-14ންނެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް، ހަސަން ނިލާމް އަދި އިސްމާއިލް ސާޖިދުވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މި ނަތީޖާއާއިއެކު ނޭޕާލްވަނީ މުބާރާތުން ކަޓާފައެވެ. އަދި ސެމީ ފައިނަލުގައި މާދަމާ ހަވީރު 3:45ގައި އުޒްބަކިސްތާނާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގެ ޓީމެވެ.

މި ގުރޫޕުން ސެމިފާއިނަލުން ޖާގަ ހޯދި އަނެއް ޓީމަކީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރި ކިރިގްސްތާނެވެ. ކިރިގްސްތާން ސެމީ ފައިނަލަށް ދިޔައީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކިރިގިސްތާންވަނީ ނޭޕާލާއި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.

މުބާރާތުގެ ކުރިން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެވަނީ އެކުވެރިކަމުގެ ތިން މެޗެއް އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށް ކުޅެފައެވެ. ނަމަވެސް، ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

މި އަހަރުގެ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތް ކުރިޔަށްދާނީ މި މަހުގެ 24ގެ ނިޔަލަށެވެ.