ޚަބަރު

ޔާމިންއާ ދެކޮޅަށް ހެކިބަސްދޭން ލުޠުފީ ބޭނުމެއް ނުވި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެއްކެތް ގޮތުގައި ހުށައެޅި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ޙަސަން ލުތުފީ ހެކިބަސް ދެއްވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެއްޖެއެވެ.

މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާފައިވާ ލުތުފީ، ޔާމިން އާ ދެކޮޅަށް ހެކިބަސް ދެއްވަން އުޒުރުވެވަޑައިގެންނަވާކަމަށް ވިދާޅުވެފައިވާއިރު އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އަދި ހެކިބަސް ނެގުމަށް މާދަމާ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ލުތުފީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާގޮތުގައި ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ހެކިބަސް އަދާ ކުރައްވަން ބޭނުން ނުވަނީ އަދުލުވެރިކަމާއެކު ހެކިބަސް އަދާކުރުމުގެ ފުރުޞަތު ނެތުމުންކަމަށެވެ.

ނަމަވެސް ލުތުފީ ވަނީ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ދެއްވާފައިވާ ހެކިބަސް ދޮގުކުރައްވާ މޭރުމަކުން ވާހަކަ ދައްކާފައިވާފައެވެ. އެގޮތުން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް އާއެކު ޔާމީނާ ބައްދަލު ކުރައްވާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ވަކިން ވެސް އޭނާ ޔާމީނާ ބައްދަލު ކުރައްވާފައިނުވާއިރު ފޯނު ކުރައްވާފައިވެސް އެ ފައިސާ ހަވާލުކުރުމާ ގުޅޭ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް އޭނާ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

ނަމަވެސް ﷲ ގަންދީ ހުވާ ކުރައްވައި، މުޢައްވިޒު ކޯޓުގައި ވިދާޅުވެފައިވަނީ ލުތުފީ އާއެކު ރައީސް އޮފީހަށް ވަޑައިގެންނެވި ކަމަށާ، ޔާމިންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުގެ ވާހަކަ ދެއްކެވި ކަމަށެވެ. ރައީސް ޔާމިންއާއެކު ބޭއްވެވި އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވަޑައިގަތީ ހަމަ އެކަނި ލުތުފީ އާއި އޭނާ ކަމަށް ވިދާޅުވެ އެ ބައްދަލުވުމުގެ ތަފްސީލް މުއައްވިޒް ވަނީ ކޯޓުގައި ދެއްވާފައެވެ. އަދި އެ ފައިސާ ހަވާލު ކުރުމަށް އެ ބޭފުޅުން ވިދާޅުވުމާ ގުޅިގެން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ބޭނުންފުޅުވެގެން އެންގެވީ ވެސް ރައީސް ޔާމިން ކަމަށް މުއައްވިޒް ވިދާޅުވެފައިވެއެވެ.

ނަމަވެސް ލުތުފީ ވިދާޅުވި ގޮތުގައި ޔާމިން އެކައުންޓަށް ޖާމިވި ފައިސާ ހަވާލުކުރަން އެމަނިކުފާނަށް އަންގާފައި ނުވަނީ އެ ފައިސާއާމެދު ވަކި ގޮތަކަށް ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެންގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް އޭނާއަށް ޤަބޫލު ނުކުރެވިގެންކަމަށެވެ.

ލުތުފީ ވަނީ ޔާމީންގެ ތަޙްގީގު މަރުހަލާއިން ފެށިގެން މިއަދާ ހަމައަށް ވެސް، ޔާމީންގެ މައްޗަށް ދޮގު ބަޔާންދީ، ދޮގު ހެކި ބަސް ދިނުމަށް އޭނާއަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން މަޖުބޫރު ކުރަމުން ދާ ކަމަށް ތުހްމަތު ކުރައްވާފައެވެ. އެނބުރި ރާއްޖެ ވަޑައިނުގެން ހުންނެވީ ވެސް އެ އިންޒާރުތަކާ ހެދި ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް އޭނާ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ.

ލުތުފީ ވަނީ މަޤާމުގެ ޒިންމާ އަދާނުކުރައްވައި މުސާރަ ނެންގެވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފެށުމާއެކު މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.