މާލެ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާ މާލެ ސިޓީގެ ޓްރެފިކްގެ މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލެ ސިޓީކައުންސިލުގެ ކައުންސިލަރުންނާ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ނާއިބް ރައީސް ވަނީ ކުރީގެ ސަރުކާރުން ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ސިޓީ ކައުންސިލަށް އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މާލެ ސިޓީގައި ހުރި ދަތި މައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން ކައުންސިލަރުންނާއެކު ނާއިބް ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މާލެ ސިޓީ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްޤީގެ އެކިއެކި ކަންކަމާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން ވަނީ މާލެ ސިޓީގެ ތަރައްޤީއަށް ސިޓީ ކައުންސިލުން ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި މިހާރު ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތަކާއި ކަންކަމުގެ މަޢުލޫމާތު ނާއިބު ރައީސާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ވަނީ ނާއިބް ރައީސާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ވަނީ ނާއިބް ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.