ޚަބަރު

ރޯދައިގެ ކުރިން ދިއްގަރުގަ 145ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓަނީ


ރަމަޟާންމަސް ފެށުމުގެ ކުރިން މުލަކް އަތޮޅު ދިއްގަރުގައި ސަތޭކަ ސާޅީސް ފަސް ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ހުންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް މިހެން ވިދާޅުވީ، މުލަކް އަތޮޅުގެ ތިން ރަށަކަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.ރައީސްގެ ވާހަކަފުޅުގައި މުޒާހަރާކޮށްގެން ތަރައްޤީ ނުގެނެވޭނެކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ދަތުރުފުޅުގައި ދިއްގަރުގެ އިތުރުން ވަޑައިގަތީ، މުއްޔަށާއި، މަޑުއްވަރީއަށެވެ. މިތިން ރަށަށް ރައީސް ވަޑައިގަތުމުން، އެރަށްރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޖޫންމަހުގެ ހަވަނަ ދުވަހު އޮންނަ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަހުމަދު ފާރިޝް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒުއާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވަޑައިގެންނެވިއެވެ.