ވިޔަފާރި

އައްޑޫގެ ފިހާރަތަކުން ވިއްކާ ތަކެތިން ވަކި ޕަސެންޓެއް ބޮޑުކުރަނީ


މިއަހަރުގެ މަރޗްމަހުންފެށިގެން ވިޔަފާރިކުރާ ތަންތަނަށް ދެމުންއައި ސަބްސިޑީ ކަނޑާލުމާއިގުޅިގެން އައްޑޫގެ ވިޔަފާރިކުރާ ތަންތަން ބަންދު ކުރާ ގަޑި އަވަސްކޮށް، މުދަލުން ވަކި ޕަސެންޓެއް ބޮޑު ކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.ސިޓީކައުންސިލުން މިގޮތަށް ނިންމީ ވިޔަފާރިވެރިން ބޭނުންވެގެން ސިޓީކައުންސިލް މެދުވެރިވެ ވިޔަފާރިވެރިންގެ މެދުގައި ނެގި ވޯޓަކަށްފަހުކަމަށް ސިޓީކައުންސިލުންބުނެއެވެ.ވޯޓުނެގީ ކަރަންްޓް ބިލްތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން، އައްޑޫގެ ވިޔަފާރި ކުރާ ތަންތަން ބަންދު ކުރާނެ ގަޑި ކަނޑައެޅުމާ މެދު ވިޔަފާވެރިން ދެެކޭ ގޮތް ބެލުމާއި ކަރަންޓްގެ އަގަށް އައި ބަދަލާ ގުޅިގެން ތަކެތީގެ އުފުލުމާ މެދު ވިޔަފާވެރިން ދެކޭ ގޮތް ބެލުން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.ހިތަދުއާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އަދި ފޭދޫގެ ވިޔަފާރިވެރިންގެ މެދުގައި ނެގި ވޯޓްގައި ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިއަކީ ހެނދުނު ހަޔަކުން އިރުއޮއްސި އަޔަކަށް ކަމަށް ފާސްކޮށްފައިވެއެވެ. އެހެން ނަމަވެސް މިއަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އަދި މީދޫގެ ވިޔަފާރިވެރިންގެ މެދުގައި ވޯޓް ނެގުމަށް ފަހު ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.ވިޔަފާރިވެރިންނާއި ގުޅިގެން ކައުންސިލުން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ޕެޓްރޯލް ޝެޑްތައް ރޭގަނޑު 21:00 އާއި ހެނދުނު 6:00އާއި ދޭތެރޭ ބަންދުކުރުމާއި އަދި ފިނިކުރި ކާބޯތަކެތި މިހާރު ވިއްކާ އަގަށް ވުރެ 30 ޕަސެންޓް އަދި އެހެނިހެން މުދަލުން ފަސް ޕަސެންޓް ބޮޑުކުރުން ހިމެނެއެވެ.މާރޗްމަހުން ފެށިގެން ވިޔަފާރިކުރާ ތަންތަނަށް ދެމުންދިޔަ ސަބްސިޑީ އެންސްޕާއިން ހުއްޓާލުމުން ބައެއް ސަރަހައްދުތަކުގެ ވިޔަފާރިވެރިންވަނީ މައްސަލަޖައްސާފައެވެ. ވިޔަފާރިވެރިންގެ ސަބްސިޑީކަނޑާލުމުން ކަރަންޓް ބިލަށް އައި ބަދަލު އަލުން އިސްލާހްކުރަންދެން އައްޑޫގެ ވިޔަފާރިވެރިން މިއެޅި ފިޔަވަޅު ދަމަހައްޓަން އެފަރާތްތަކުން ވަނީ ނިންމާފައެވެ.ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ސަބްސިޑީއަކީ ދިރިއުޅުމުގެ ހާލަތުހުރިގޮތުން އެކަމަށް ޝަރުތުހަމަވާ ރައްޔިތުންނަށް ދައުލަތުން ދެވޭ އިނާޔަތަކަށްވާތީ ވިޔަފާރިކުރާފަރާތްތަކަށް ސަބްސިޑީ ދެވެންނޯންނާނެކަމަށެވެ.