ޚަބަރު

ޤައުމީ ފުޓްބޯޅަ ޓީމާ އެފްއޭއެމުގެ ރައީސް ބައްސާމް ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި


ވޯލްޑް ކަޕް ކޮލިފައިންއާއި އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްބޯޅަ ޓީމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.

ބައްސާމް މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. ކޮލިފައިންގެ ފުރަތަމަ މެޗަށް ޓީމު ގުއާމަށް ދަތުރުކުރާއިރު ޓީމާއެކު ބައްސާމްވެސް ވަޑައިގަންނަވާނެއެވެ. 2022ވަނަ އަހަރު ގަތަރުގައި ބާއްވާ ކޮލިފައިން މެޗުތައް ރާއްޖެ ފަށާނީ އަންނަ މަހުގެ 6ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެއަށްފަހު މާލޭގައި ސެޕްޓެމްބަރު 10ވަނަ ދުވަހު ޗައިނާއާ ދެކޮޅަށްވެސް ރާއްޖެ ކުޅޭނެއެވެ. ގައުމީ ޓީމު މާލޭގައި ކުޅެން ޖެހޭ މެޗުތަކަށް ސަޕޯޓަރުންގެ މެދުގައި ޙާއްސަ ޙަރަކާތްތަކެއް ބާއްވަން އެފްއޭއެމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަރު މެޗުތަކަށް ގަލޮޅު ދަނޑަށް ކުޅި ބަލާ މީހުން ވަދެވޭނެ ޢަދަދު މަދުވާނެތީވެ އެކަމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.