ޚަބަރު

މުއްރަތު މެރުމަށް, ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި


މަޝްހޫރު ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލިކަން ސާބިތުވެ މ މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކުރިމިނަލްކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.ނަޖީބް މަރާލުމުގައި މުއްރަތާއި އެކު އެނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ށ ގޮއިދޫ ރިހާބް ފާތިމަތު ހަނާވެސް ބައިވެރިވެ މި ދެމީހުން ދަށުކޯޓްގައި ކުށަށް އިއުތިރާފްވެފައިވެއެވެ. އޭރު މުއްރަތު ބުނެފައިވަނީ އެނާ ނަޖީބް ހަމަލާދިން ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ހަމަލާދެވުނީ އައި ރުޅީގައިކަމަށެވެ. އަދި އެކަމަށް ދެވެން އޮތް އެންމެ ލުއި  އަދަބެއް ދިނުމަށް ދަށުކޯޓްގައި މުއްރަތު އެދިފައިވެއެވެ.ދަށުކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރުމަށް ފަހު މުއްރަތު އެނާ ނަޖީބް މަރާލިކަމަށް ބުނާ ބުނުމަށް އިންކާރްކޮށް އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވެއެވެ.މި މައްސަލަ ނިންމާ މިއަދު ހައިކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މުއްރަތާއި ހަނާ ދައުވަތު ދީގެން މ މަސްރޫރާ ގެއަށް ނަޖީބް ގެންގޮސްފައިވާކަމަށް. އަދި އަހްމަދު ނަޖީބަށް ވަޅިން ބިރު ދައްކާ ގޮނޑިއެއްގައި ބަނދެ އޭނާގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ރަހީނުކުރުމަށްފަހު ހުރިހާ ފައިސާއެއް ފޭރިގަނެ އެ ފައިސާތައް ބޭނުންކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުން ވަޅިޔަކުން އެތައް ފަހަރަކު އަހްމަދު ނަޖީބްގެ ކަރަށް ހަމަލާދީ މަރާލާފައިވަނީ ކުރިއާލާ ރާވައިގެން އަނިޔާވެރިގޮތުގައި ގަސްދުގައިކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.މީއީ މީހަކު މެރުމަށް ކުރިމިނަލްކޯޓުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން ދެމެހެއްޓި ފުރަތަމަ ފަހަރެވެ.ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބު ތަންފީޒްކުރުމުގައި އަމަލުކުރަންވީ ގޮތުގައި ގަވާއިދެއް އެކުލަވާލާ ހޯމް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އޭގައި ބުނާ ގޮތުން ޝަރުއީ ތިން މަރްހަލާ ނިމުމުން އެމީހެއްގެ މައްޗަށް މެރުމަށް ސާބިތުވާނަމަ މަރުގެ އަދަބު ދެވޭނެއެވެ. އެހެންނަމަވެސް މަރުގެ އަދަބު ދެވޭނީ އެމީހަކު މެރުމަށް ކަނޑައަޅާ ހަމަ އެދުވަހު ވާރިސުންގެ ބަސް އަލުން ހޯދުމަށްފަހު ވާރިސުން ބުނާ އެއްޗަށް ބެލުމަށްފަހުއެވެ.މަރުގެ އަދަބު ދެވޭނީ މާފުށީގައި ގާއިމްކުރެވޭ ތަނެއްގައި ލީތަލް އިންޖެކްޝަން ޖަހައިގެންކަމަށްވެސް އެ ގަވާއިދުގައި ބުނެއެވެ.