ވިޔަފާރި

މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލެއް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ


މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލެއް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީން އިޢުލާންކޮށްފިއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިއުއެސްސީން މިހާރު ވަނީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500 ރުފިޔާއެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސާރވިސް ބިލްޑިންގައެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ. ޢަދި
ބިޑް ސެކިއުރިޓީގެ ގޮތުގައި 10 ހާސް ރުފިޔާ ހުށައަޅަންޖެހެއެވެ.

ބިޑް އެވޯޑްކުރާ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 އިންސައްތަ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންޖެހޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ހާމަކުރެއެވެ.

މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭ ފެންވަރުގެ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

މި ޓަރމިނަލް ތަރައްޤީކޮށް ނިމުމާއެކު ކްރޫޒް ލައިނަރ ތަކުން މާލެ އަންނަ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވި، ރާއްޖެ އަންނަ ބޮޑެތި ކުރޫޒް ލައިނަރތަކުގެ ޢަދަދު އިތުރުވާނެކަމަށް ސިޓީ ކައުސިލުން ބުނެފައިވެއެވެ.