ޚަބަރު

އެންސްޕާ ހިންގުން ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި


ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ހިންގުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސްގެ ދަށަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު ހުށައެޅުއްވި މި އިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށައަޅުއްވާފައިވާ މަޖިލީހުން މިއަދު ފާސްކުރި އިޞްލާހުގައި ވަނީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ކަންކަން، ޞިއްޙަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއާ ޙަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ބަދަލުކުރުމަށެވެ.

2011 ވަނަ އަހަރު އެންސްޕާ އުފެދުނީއްސުރެ އެންސްޕާ މިހާތަނަށް ހިންގަމުން އައިސްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން. ނަމަވެސް މި ސަރުކާރުން ވަނީ އިޖުތިމާޢީ ޚިދުމަތްތަކަށް ޚާއްޞާ ވުޒާރާއެއް އުފައްދަވާފައެވެ.

އެންސްޕާ ހިންގުން ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންސްޕާގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ކުރިއަށްގެންދާގޮތަށް ބަދަލުކުރައްވާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުވިނަމަވެސް އެ އިދާރާގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެންސްޕާއިން ވަނީ ވިދާޅުވެފައެވެ.