މުނިފޫހިފިލުވުން

ނޮވެމްބަރުމަހު ވަރުން ކައިވެނި ކުރަނީ


ޒުވާން ގިނަ ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ބޮލީވުޑްގެ ފަންނާނު ވަރުން ދަވަންގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފެޝަން ޑިޒައިނަރެއް ކަމުގައިވާ ނަތާޝާ ދަލާލްއާ އެވެ.

ވަރުން އާއި ނަތާޝާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަނީ ދެކެވިފައެވެ. ނަމަވެސް ވަރުން އާއި ނަތާޝާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގައެވެ. އަދި ވެޑިން ރިސެޕްޝަން ބޭއްވުމަށް ހަމޖެހިފައިވަނީ އިންޑިއާގެ މުމްބާއީގައެވެ.
ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން ޝޮޕިން ކުރަން ފަށާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވަރުންނާއިއެކު ނަތާޝާ ދަނީ ބޮލީވުޑްގެ ގިނަ ޙަފްލާ ތަކުގައިވެސް އެއްކޮށް ބައިވެރިވަމުންނެވެ.

2012 ވަނަ އަހު ރިލީޒްކުރި ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ" އިން ބޮލީވުޑަށް ތަޢާރަފްވި ވަރުން އެންމެ ފަހުން ފެނިގެންދިޔައީވެސް އޭޕްރީލް މަހު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމް "ކަލަންކް" އިންނެވެ.

ވަރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސާރާ އަލީ ޚާން އާއިއެކު އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެފައިވާ ފިލްމް "ކޫލީ ނަންބަރު 1" ގެ ރީމޭކްގެ މަސައްކަތެވެ.

މި ފިލްމަކީ ވަރުންގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރ ޑޭވިޑް ދަވަން އާއި އެކު އޭނާ މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ވަރުން އާއި ޑޭވިޑްވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "މޭ ތެރޭ ހީރޯ" އަދި 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޖުޅުވާ 2" ގައި އެކުގައި މަސައްކަތްކޮށްފައެވެ.