ކުޅިވަރު

ދިމާވި އެންމެ ބޮޑު މައްސަލައަކީ ދެވަނަ ސެޓު ކާމިޔާބުނުކުރެވުން - ސާޖިދު


އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކިރްގިސްތާންގެ އަތުން ބަލިވި މެޗުގައި ދިމާވި އެންމެ ބޮޑު މައްސައަކީ މެޗުގެ ދެވަނަ ސެޓު ކާމިޔާބުނުކުރެވުންކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކިރްގިސްތާނާއި ވާދަކޮށް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކިރްގިސްތާން ގެންދިޔައީ 15-25، 24،26 އަދި 19-25 އިންނެވެ. މި މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިން ބޮޑު ލީޑެއްގައި ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާފައެވެ. އެގޮތުން ދެވަނަ ސެޓުގައި ކިރްގިސްތާއިނުން ނަތީޖާ ހަމަހަމަކުރީ 22ވަނަ ޕޮއިންޓާ ހިސާބުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު މުޙައްމަދު ސާޖިދު ބުނީ، މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދެވަނަ ސެޓު ކާމިޔާބު ނުކުރެވުންކަމަށެވެ. ސާޖިދު ބުނީ މެޗުގައި ރަނގަޅަށް ކުޅެފައި ދެވަނަ ސެޓު ނުހިފެހެއްޓިގެން ދިޔުމުން ތިންވަނަ ސެޓުގެ ފެށުންވެސް ދަށްވެގެން ދިޔަކަމަށާ މުޅި މެޗަށް ޖުމްލަކޮށް ބަލާނަމަ ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށެވެ.

"ދެވަނަ ސެޓު ނުލިބުން އެންމެ ބޮޑު ދެރައަކަށް ދިމާވި. ދެން ހަމަ ވަރަށް ރަނގަޅަށް ކުޅެވިފައި އެެއްވަރަކަށް ނުހިފޭއްޓުނީމަ އެއީ އަސްލު ދެވަނަ ސެޓު ނުހިފޭއްޓުނީމަ ތިންވަނަ ސެޓުގެ ފެށުންވެސް ދައްކޮށް ދިޔައީ. މުޅި ޖުމްލަ މެޗުގައި ހަމަ ވަރަށް ރަނގަޅަށް ކުޅެވުނު ދެން ކުޑަކޮށް ބިރުގަނެފައި ތިބޭ ކަހަލަ ގޮތަކަށް ކުޅުންތެރިން ތިބީ." ކޯޗު މުޙައްމަދު ސާޖިދު ބުޏްނެވެ.

މިއީ މުބާރާތުގައި ކިރިގްސްތާނު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު ނޭޕާލާ ވާދަކޮށް ކިރްގިސްތާން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިނަތީޖާއާއިއެކު ކިރްގިސްތާންވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

މި މެޗުން ރާއްޖެ ބަލިވި ނަމަވެސް މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިއަދު ނޭޕާލްގެ މައްޗަށް ކުރި ހޯދިއްޖެނަމަ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަަލަށް ދިވެހިރާއްޖެ ދަތުރުކުރާނެއެވެ. މުބާރާތުގައި ނެޕާލު ކުޅުނު ފުރަތަމަ މެޗުންވެސް ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން އެޓީމުވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން ސެމީ ފައިނަލުން ޖާގައެއް ހޯދުމަށް މި މެޗުން މޮޅުވުން ދެ ޓީމަށްވެސް މަޖުބޫރެއެވެ.

ނޭޕާލް އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:15 ގައެވެ. މި މެޗުވެސް ޕީއެސްްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.