މުނިފޫހިފިލުވުން

އަކްޝޭގެ "މިޝަން މަންގަލް"އަށް 5 ދުވަސްތެރޭ 100 ކްރޯޑް ރުޕީސް


އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި "މިޝަން މަންގަލް"އަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

20 ކްރޯޑް ރުޕީސް (2.9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމް އެޅުވިތާ ފަސް ދުވަސް ތެރޭ ފިލްމް މިވަނީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. މި ފިލްމް ރިލީޒް ކުރި ދުވަހު އެކަނިވެސް ފިލްމަށް ވަނީ 29 ކްރޯޑް ރުޕީސް ލިބިފައެވެ.

އަކްޝޭ ކުމާރާއެކު ވިދްޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕަންނޫ، ނިތްޔާ މެނަން އަދި ޝަރުމަން ޖޯޝީ ފެނިގެން ދާ ފިލްމް "މިޝަން މަންގަލް" އަކީ، 2013 ވަނަ އަހަރު އިންޑިއާގެ ޖައްވީ އިދާރާ "އިސްރޯ" އިން މާސް އަށް އުޅަނދެއް ފޮނުވަން އަންހެން ސައިންޓިސްޓުން ތަކެއް އިސްކޮށް ތިބެގެން، ލޯންޗް ކުރި "މާސް އޯބިޓާ މިޝަން" (މަންގަލިޔާން) އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

އަކްޝޭގެ މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ހަފްތާ ތެރޭގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަކީ "މިޝަން މަންގަލް" އެވެ. މިއާއެކު މި ފިލްމަކީ އަކްޝޭގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު އެއް ފިލްމަށްވުން އެކަށީގެންވާ ކަމަށް ބޮލީވުޑްގެ ކަންކަން ވިލަރެސް ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހަމައެހެންމެ މި ފިލްމަށް ކްރިޓިކްސްގެ ފަރާތުންވެސް ރަނގަޅު ރޭޓިންގތަކެއް ލިބިފައިވެއެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އަލަށް ޑައިރެކްޝަނަށް ނިކުތް ޖަގަން ޝަކްތީއެވެ.

"މިޝަން މަންގަލް" އާއިއެކު ރިލީޒް ކުރި ޖޯން އަބްރަހަމްގެ "ބަޓްލާ ހައުސް"އަށް މިހާތަނަށް ލިބިފައިވަނީ 48 ކްރޯޑް ރުޕީސް އެވެ. ފުލުހެއްގެ ރޯލުން ޖޯން ފެނިގެންދާ މި ފިލްމް ބިނާކޮށްފައިވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެރަރިސްޓުންތަކަކާ ދެކޮޅަށް އިންޑިއާގެ ފުލުހުންތަކެއް "ބަޓްލާ ހައުސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ މައްޗަށެވެ.