ސިޔާސީ

މަސްވެރިކަމުގެ ބިލާއި، ޓެކްސް ނެގުމުގެ އިދާރީ ބިލް މަޖިލީހަށް ބަލައިގެންފި


މަސްވެރިކަމުގެ އައު ސިޔާސަތުތައް ކަނޑައެޅުމަށް ހުށައެޅި މަސްވެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލް މަޖިލީހަށް ބަލައިގަތީ 72 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށައެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން މަސްވެރިންނާ ގުޅުންހުރި ރަނގަޅު ސިޔާސަތުތަކެއް އެ ބިލްގައި ނެތްކަން ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާޙުތަކެއް ގެންނަންޖެހޭކަމަށް ގިނަ މެންބަރުން ވިދާޅުވެފައިވެއެވެ.

ސަރުކާރުން ހުށައެޅި މަސްވެރިކަމާބެހޭ ބިލްގައި ވަނީ ރާއްޖޭގައި ކުރާ ކޮންމެ ބާވަތެއްގެ މަސްވެރިކަމަކަށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުން ލާޒިމްކޮށްފައެވެ. މި ބިލްގައި ވަނީ މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތަކާއި، ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމަށާއި، އެނޫންވެސް ކަމާބެހޭ އެހެން ކަންކަމަށް ރިޔާޢަތްކޮށް އެމަސްވެރިކަމަކީ ވަކި ބާވަތެއްގެ މަސްވެރިކަމަކަށް ކަނޑައަޅަންވާނެކަމަށެވެ.

މަސްވެރިކަމާބެހޭ ޤާނޫނުގެދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑާއި، ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ތަންފީޒްކުރަންޖެހޭނެކަމަށް އަލަށް އެކުލަވާލާ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ސަރުކާރު ފަރާތުން އިލްޔާސް ލަބީބު ހުށައެޅުއްވި އިޞްލާހުގެ ބިލްވެސް ވަނީ މަޖިލީހަށް ބަލައިގެންފައެވެ. މި ބިލް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 72 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިސްލާހުގައި ވަނީ މީރާގެ ބޯޑު މެންބަރުންގެ ޢަދަދު ހަތަކަށް ބަދަލުކޮށް އެ މެންބަރުންގެ ދައުރަކީ ފަސް އަހަރުކަމަށް ކަނޑައަޅާފައެވެ. އަދި އެ މެންބަރުން ވަކި ކުރުމުގެ ބާރުވެސް މަޖިލީހަށް ވަނީ ދީފައެވެ.

ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް ގެނައުމަށް މަޖިލީހަށް ބަލައިގެންނެވި މި އިޞްލާހަކީ ވަކިވަކި ފަރުދުންގެ އާމްދަނީން ނުވަތަ އިންކަމް ޓެކްސް ނެގުމުގެ ކުރިން ގެންނަން ޖެހޭ އިދާރީ ބަދަލުތަކެއް ގެނައުމަށް ހުށައަޅާފައިވާ އިޞްލާހުތަކެކެވެ.