ކުޅިވަރު

ހޯމް އެންޑް އަވޭ ލީގެއް މުޅި ރާއްޖޭގައި ބާއްވައިދިނުމަށް މިނިސްޓަރ މަހުލޫފް އެފްއޭއެމްގައި އެދިވަޑައިގެންފި


ހޯމް އެންޑް އަވޭ ފުޓްބޯޅަ ލީގެއް މުޅި ރާއްޖޭގައި ބާއްވައިދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓަރ އަޙުމަދު މަހުލޫފް އެފްއޭއެމްގައި އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މަޙުލޫފު މިކަމަށް އެދިވަޑައިގަތީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވަކިން ބައްދަލުކުރެއްވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ގަލޮޅު ފުޓްބޯޅަ ދަނޑުގެ ހާލަތާއި، އެ ދަނޑު މަރާމާތުކުރުމަށް ލީގުގެ މެޗުތައް ހުޅުމާލެއަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައްވެސް ކުރެވުނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅައި ފުޓްބޯޅައިގައި މުޅީ ރާއްޖެ ޝާމިލް ކުރުމަކީ މިނިސްޓަރ ވަރަށް ބޮޑަށް އެދިލެއްވި ކަމެކެވެ. ފުޓްބޯޅަ އަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރާއިރު މިހާރަށްވުރެ ރަނގަޅަށް ފުޓްބޯޅައިގެ އެންމެހާ ކަންތައްތައް ގެންގޮސް ދަނޑުތައް ފުރާލުމަކީ ސަރުކާރުގެ ވެސް ވައުދެކެވެ.

ފުޓްބޯޅައިގެ ފޯރިއިތުރުކުރުމަށް ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ ލީގެއް ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން މިނިސްޓަރ މަޙުލޫފުއާއި އެފްއޭއެމްގެ ރައީސް ބައްސާމްވަނީ މަޝްވަރާކުރައްވާފައެވެ.