ޚަބަރު

10 ނަންބަރާއިއެކު ޒިންމާ ދެގުނަ ބޮޑުވާނެ - ކުޓީނިއޯ


ބަޔާން މިއުނިކްގެ ދިހަ ނަމްބަރ ޖަރޒީއަކީ ކުލަބަށް ވަރަށް ޚާއްސަ ނަމްބަރެއް ކަމަށާއި، މި ނަންބަރާއިއެކު ޒިންމާ ދެގުނަ ބޮޑުވާނެ ކަމަށް ބަސެލޯނާއިން ބަޔާނަށް ބަދަލުވި ބްރެޒިލްގެ ތަރި ފިލިޕް ކުޓީނިއޯ ބުނެފިއެވެ.

ބަޔާން މިއުނިކުގެ ޖަރޒީގައި ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ފެނިލުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ، ބަޔާން މިއުނިކް ފަދަ ބޮޑު ކުލަބަކަށްކުޅުމަކީ އަބަދުވެސް ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ކަމެއް ކަމަށާއި ޚާއްސަކޮށް ބަޔާންގެ ދިހަ ނަމްބަރު ޖަރޒީއަކީ ކުލަބުގެ ލެޖެންޑް އާޔެން ރޮބެން ބޭނުންކުރި ނަމްބަރުކަމުން، މިއީ ވަރަށްބޮޑު ޕްރެޝަރަކާއި ޗެލެންޖެއްކަމަށެވެ.

ކުޓީނިއޯ ބުނީ، އޭނާ ހުރީ މިޗެލެންޖާއި ކުރިމަތިލާން ތައްޔާރަށް ކަމަށާއި، ކުލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން އޭނާގެ ފަރާތުން އުންމީދު ކުރާނެ ވަރުގެ ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ކޯޗާއި ކުޅުންތެރިންނާއި ބައްދަލުކޮށް ފަރިތަކުރުންތަކުގައި ބައިވެރިވާން ކެތްމަދުވެފައި ހުރިކަމަށްވެސް ކުޓީނިއޯ ބުނިއެވެ. 27 އަހަރުގެ މިޑްފިލްޑަރ ބާސެލޯނާއިން ބަޔާން އާއި ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 8.5މިލިއަން ޔޫރޯގެ ފީއަކަށެވެ. މި އެއްބަސްވުމުގެ ދަށުން 120މިލިއަން ޔޫރޯއަށް ކުޓީނިއޯ ގަތުމުގެ ފުރުސަތުވެސް ބަޔާންއަށް އެބައޮތެވެ.

ބާސެލޯނާއަށް ކުޓީނިއޯ ގުޅުނީ 2018ވަނަ އަހަރުގެ ޖެނުއަރީ މަހު އިނގިރޭސި ކްލަބް ލިވަޕޫލުން. އެކުލަބުގައި އޭނާ ވަނީ ފަސް އަހަރު ކުޅެފައެވެ. ކުޓީނިއޯ ބަޔާންއަށް ބަދަލުވުމުގެ ކުރިން އޭނާ ލޯން އެއްބަސްވުމެއްގެ ދަށުން ފަރާންސްގެ ޕީއެސްޖީއަށް ދޫކުރަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރުނުވެ. ބާސާއިން އޭނާ ޕީއެސްޖީއަށް ދޫކުރަން އުޅުނީ، ބާސާގެ ކުރީގެ ފޯވާޑް ނޭމާގެ ސޮއި އަލުން ހޯދުމަށް ޕީއެސްޖީއާއިއެކު ޑީލަކަށް އައުމުގެ ވިސްނުމުގައެވެ.