ޑޮލަރު ގަތުމަށްކަމަށްބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދީފައިވާ ފައިސާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ފަށައިފިއެވެ.
2014 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރެފައިވާ އެމްއެމްޕީއާރުސީގެ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޑޮލަރު ގަތުމަށްކަމަށް ބުނެ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 77.1 މިލިޔަން ރުފިޔާ ދޫކުރަން އެއްބަސްވެފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، އެމްޕީއެލްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދު 6.3 މިލިއަން ޑޮޮލަރަށް އަރާކަމަށެވެ. އޭގެތެރެއިން މިހާތަނަށް އެކުންފުންޏަށް ދައްކާފައިވަނީ ހަތްހާސް އަށްސަތޭކަ ހަތް ހާސް ޑޮލަރުކަމަށާއި، މިހާތަނަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު 5.5 މިލިއަން ޑޮލަރަށް އަރާކަަމަށް ޠައްޔިބު ވިދާޅުވިއެވެ.
ޠައްޔިބު ވިދާޅުވީ، އެމްޕީއެލްއަށް ފައިސާ ދައްކަންޖެހޭ މައްސަލަ ކޯޓް މަރުހަލާގައިވާއިރު، ކޯޓުން ބޭރުން އެމައްސަލަ ހައްލުކުރުމުގެ މަޝްވަަރާތައް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ ޠައްޔިބު ވިދާޅުވީ މި މަޝްވަރާތަކުގެ ފުރަތަމަބުރު މިހާރު ނިމިފައިވާކަމަށެވެ. ޠައްޔިބު ވިދާޅުވީ، މި މަޝްވަރާތަކުގައި ފިނޭންސް މިނިސްޓްރީންވެސް ބައިވެރިވާކަމަށާއި، އެގޮތުން ފިނޭންސް މިނިސްޓްރީން އެމްޕީއެލްއާއި އެމްއެމްޕީއާރުސީއާއެކުވެސް މަޝްވަރާކުރައްވާފައިވާކަމަށެވެ.
"ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރެވެމުންދަނީ. މިހާރު މި މަޝްވަރާތައް އޮތީ، އެމްޕީއެލްއިން އެދެނީ ފައިސާ ދައްކަން. އެކަމު އަޅުގަނޑުމެންގެ އަތަކު ފައިސާއެއް ނެތް. ދައްކަންވެސް މިޖެހެނީ ދައުލަތުގެ ފައިސާ." ޠައްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ފަރާތުން އެމްޕީއެލްއަށް މިހާތަނަށް ދައްކާފައިވާ ފައިސާއަކީ ރަށްތައް ވިއްކައިގެން ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ދެއްކި ފައިސާކަން ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެ އޮޑިޓް ރިޕޯޓްގައި އެމްއެމްޕީއާރުސީއަށް ޑޮލަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށާއި އެމްޕީއެލަށް ލިބެންޖެހޭ ފައިސާ ދައުލަތުން ހޯދަންޖެހޭކަމަށް ބުނެފައިވެއެވެ.
މި މައްސަލާގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް އޭސީސީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެމްޕީއެލްގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެފައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ.