ސިޔާސީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް 3 ކުންފުންޏެއްގެ މައްޗަށް ދައުވާކުރަނީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާއި ގުޅުންހުރި ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، ޑޮލަރުގެ މުޢާމަލާތްކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީން ތިން ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާކަމަށެވެ. އަދި އެ ފައިސާތައް އަނބުރާ އެމްއެމްޕީއާރުސީއަށް ހޯދުމަށް ޝަރީޢަތަށް ހުށައަޅާފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.

އެގޮތުން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރު ހޯދުމަށާއި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން 2.5 މިލއަިން ޑޮލަރު އަދި މޮންޓަލިއަން އިންޓަރނޭޝަންލް ޕްރައިވެޓް ލިމިޓެޑްއިން 1.47 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެފައިސާ ހޯދުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ ބަންޑާރަ ނާއިބުގެ އެދުމުގެ މަތިން އެއީ ސީދާ މި ކުންފުންޏަށް ލިބެންޖެހޭ ފައިސާކަމަށް ވިދާޅުވެފައިވާތީ." ޠައްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 1.3 ބިލިއަން ޑޮލަރަށް އަރައެވެ. އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، ދެން އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ މިލޭނިއަމް ކެޕިޓަލްއާއި މޮންޓަލިއަން އިންޓަރނޭޝަންލް ކުންފުނީގެ އެކައުންޓަށްކަމަށް އޭސީސީން ނެރުނު ތަޙްޤީޤީ ރިޕޯޓުން ވަނީ ހާމަވެފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޠައްޔިބު ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށެވެ.