ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ސްވިޓްޒަލޭންޑަށް


އެމްއެމްޕީއާރުސީގެ ސިލްސިލާ ރޯޑް ޝޯވ، "ޖަރނީ ޓު ދަ ސަނީ ސައިޑް" ސްވިޓްޒަލެންޑުގައި ފަށައިފިއެވެ.

މިއީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ 5 ވަނަ ރޯޑް ޝޯވއެވެ.

މި ރޯޑް ޝޯވ ކުރިއަށްދާނީ މިމަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްޒަލޭންޑްގެ ބެސެލް، ޒިއުރިކް އަދި ޖެނީވާގައެވެ. މިއީ ސްވިޓްޒަލެންޑްގެ މާކޭޓްގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާ ދާއިރާއެއްގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި ކުރިއަށްގެންދާ ރޯޑް ޝޯވއެކެވެ.

މި ރޯޑް ޝޯވގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ސްވިޓްޒަލެންޑުގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި ރޯޑް ޝޯވގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 6 ކުންފުންޏަކުން ބައިވެރިވެފައިވާއިރު ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ދިވެހިރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާލާ ހަމީދެވެ.

އެމްއެމްޕީއާރުސީން ބުނީ ރޯޑް ޝޯވ ބާއްވާ ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެކަމަށެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް، ލަކްސް ސައުތު އަރި އެޓޯލް އަދި ޔޫ އެންޑް މީ ބައި ކޮކޫންގެ ފަރާތުންނެވެ.

ސްވިޓްޒަލޭންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިއްމު މާކެޓެކެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 2.1 އިންސައްތައާއެކު ސްވިޓްޒަލޭންޑް އޮތީ ރާއްޖެއަށް 11 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުގެ ގޮތުގައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ސްވިޓްޒަލޭންޑުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 2.9 އިންސައްތަ އިތުރުވެފައެވެ.