ކުޅިވަރު

ކިރްގިސްތާން ބަލިކުރެވޭނީ ޖެހިލުން ނުވެ ކުޅެގެން: ސާޖިދު


އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކިރްގިސްތާން ބަލިކުރެވޭނީ ވަރަށް ވަރުގަދައަށް ޖެހިލުންވުމެއްނެތި ކުޅެގެންކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ކިރްގިސްތާންއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޭޕާލްގައި ހުރެ މީޑިއާތަކަށް މައުލޫމާތު ދެމުން ކޯޗު ސާޖިދު ބުނީ، ކުރިން ޝެޑިއުލް އޮޮތްގޮތުން ކުޅެން ހަމަޖެހިފައިއޮތީ ނޭޕާލްއާއި ކަމަށާއި، ނަމަވެސް މިހާރު ޝެޑިއުލް ބަދަލުވެ ފުރަތަމަ މެޗުގައި ވާދަކުރަން މި ޖެހުނީ ވަރުގަދަ ކިިރްގިސްތާނާއި ދެކޮޅަށްކަމަށެވެ. ސާޖިދު ބުނީ ދެޓީމުގެ ކުޅުންވެސް މިހާރު ފެނިއްޖެކަމަށާއި، ކިރްގިސްތާން ޓީމު ފެންނަނީ ވަރަށް ވަރަށް ވަރުގަދަކޮށްކަމަށެވެ. އަދި އެމީހުން ބަލިކުރެވޭނީ ޖެހިލުމެއްނެތި ވަރުގަދައަށް ކުޅެގެންކަމަށްވެސް ކޯޗު މުޙައްމަދު ސާޖިދު ބުންޏެވެ.

"ކުރިން އޮތީ އަޅުގަނޑުމެން ނޭޕާލްއާއި ފުރަތަމަ މެޗު ކުޅެން. އެކަމު މިހާރު މި އޮތީ ޝެޑިއުލް ބަދަލުވެ ކިރްގިސްތާނާއި ދެކޮަޅަށް ކުޅެން. ދެން މިއަދު ދެޓީމުގެ ކުޅުންވެސް ފެނިއްޖެ. ކިރްގިސްތާން ވަރަަށް ވަރުގަދަކޮށް ފެންނަނީ. އެހެންވީމާ ކިރްގިސްތާން ބަލިކުރެވޭނީ ވަރަށް ވަރުގަދަޔަށް ޖައްސައިގެން". ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުންޏެވެ.

ސާޖިދު ބުނީ މުބާރާތައް އައީ ދެ ލިބަރޯއިން ބޭނުންކުރަން ތައްޔާރުވެގެން ކަމަށާއި، ނަމަވެސް ޓީމުގައި ޖެހެނީ ބާރަ ކުޅުންތެރިންކަން އިނގުނީ ނޭޕާލްއަށް އައިފަހުން ކަމަށެވެ. އޭގެ ކުރިން އެކަން ނޭންގޭކަމަށްވެސް ސާޖިދު ބުޏްނެވެ. އަދި ޓެކްނިކަލް މީޓީންތަކުގައި ވާހަކަ ދެއްކުމަށްފަހު ސާދަ ކުޅުންތެރިން ޓީމުގައި ހިމެނޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި، ނަމަވެސް މުބާރާތުގައި އަމަލު ކުރާނީ އެފްއައިވީބީގެ އުސޫލަށްކަމަށް އެމީހުން އަންގާފައިވާކަމަށެވެ. ސާޖިދު ބުނީ އެފްއައިވީބީގެ އުސޫލަށް އަމަލު ކުރާނަމަ ސާދަ ކުޅުންތެރިން ޓީމުގައި ތިބެވެން ޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން ދެ ލިބަރޯއިން ބޭނުންކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ. އެއީ އެކަކު ރިސީވްއަށް އަނެކަކު ޑިފެންސަށް އެގޮތަށް ހަަމަަ ވަރަށް ބޮޑަށް ސެޓުވެގެން އައީ. އެހެންނަމަވެސް މިކޮޅަށް އައި ފަހުން އަޅުގަނޑުމެންނަށް އިނގުނީ ޓީމުގައި ޖެހެނީ ބާރަ ކުޅުންތެރިންކަން. އޭގެ ކުރިން އެނގިފައެއް ނެތް. ދެން މިކޮޅަށް އައިއްސަވެސް ޓެކްނިކަލް މީޓީންގައިވެސް ވާހަކަ ދައްކާފައި ވަރަށް މަސައްކަތްކުރިން ސާދަ ކުޅުންތެރިން ޓީމުގައި ހިމެނޭތޯ. އެކަމުވެސް އެމީހުން އަންގަނީ އެފްއައިވީބީގެ ރޫލްސްއަށޭ ތިމަންނަމެން ފޮލޯ ކުރާނީ. އެކަމު އެފްއައިވީބީގެ ރޫލްސްއަށް ފޮލޯ ކުރަންޔާ ސާދަ ކުޅުންތެރިންނަށް ތިބެވެން ޖެހޭނެ". ކޯޗު ސާޖިދު ބުންޏެވެ.

މުބާރާތައް ޓީމު ތައްޔާރުވެފައި އޮތް މިންވަރާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ ޓީމު މިހާރު މި އޮތީ ދުވަހަކުވެސް އެއްބައި ނުވާވަރަށް އެކަތިގަނޑަކަށް ވެފައިކަމަށެވެ. އަދި މުބާރާތަކަށް ތައްޔާރުވާން މީގެ ކުރިން ފުރުސަތު ނުލިބޭ ވަރަށް މިފަހަރު ފުރުސަތުވެސް ލިބުނުކަމަށް ކޯޗު މުހައްމަދު ސާޖިދު ބުޏްނެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ދިވެހިރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރާ މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެގަޑިން 6:15 ފެށުމަށް ހަމަޖެހިފައިވާ މި މެޗުގެ ޕްރި-ޝޯ 5:45 ގައި ޔެސް ޓީވީން ފަށާނެއެވެ.