ޚަބަރު

ގދ.ތިނަދޫ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ޙައްލު ކުރެވިއްޖެ - ފެނަކަ


ގދ.ތިނަދޫ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ޙައްލު ކުރެވިއްޖެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ ތިނަދޫގައި ފޯރުކޮށްދޭ ސަޕްލައި ފެނުގައި މައްސަލަ ދިމާވީ ފެން ޕްލާންޓަށް ފެން ނެގުމަށް ބޭނުންކުރާ ބޯހޯލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ދިމާވީ ފަހުން އެރަށުގައި ބެހެއްޓި ފެން ޕްލާންޓުން ޚިދުމަތްދޭ ގެތަކަށް އެކަނި ކަމަށްވެސް ފެނަކައިން ބުނެއެވެ.

ބޯހޯލްއަށް ދިމާވި މައްސަލަ ޙައްލުކޮށް، މައްސަލަ ޖެހިފައިވާ ފެން ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިރޭ ސާފު ފެން ގެތަކަށް ދޫކުރަން ފަށާނެކަމަށް ފެނަކައިންބުނެއެވެ.

ފެނަކައިން ބުނެފައިވަނީ އެކުންފުނިން ތިނަދޫގެ ގެތަކަށް ދޫކުރަމުންދިޔަ ފެނަށް މައްސަލައެއް ދިމާވި ނަމަވެސް އެ ފެނަކީ ޑަބްލިއުއެޗްއޯއާއި އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ އަދި ބޭނުންކުރަން ރައްކާތެރި ފެނެއްކަމަށެވެ.

އާބާދީގައި 10 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ތިނަދޫގެ ފެނުގައި ނުބައިވަސްދުވާ، ފެން ނުބައި ވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.