ސިޔާސީ

އެލްޖީއޭއިން ކައުންސިލްތަކަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް މަޖިލީހުން ފާސްކޮށްފި


ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ލިބިފައިނުވާ ބާރު ބޭނުންކޮށްގެން ކައުންސިލްތަކަށް ފިޔަވަޅުއަޅާފައިވާ މައްސަލަ ބެލުމަށާއި، ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބައެއް އިސްލާހްތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަތުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުން ހައްޔަރުކުރި ކައުންސިލަރުން އެލްޖީއޭގެ އަމިއްލަ އިސްނެގުމަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ. މީގެއިތުރުން އެލްޖީއޭއިން އަމަލުކުރަމުން ގޮސްފައިވަނީ ލާމަރުކަޒީ ނިޒާމްގެ މަފްހޫމާ ޚިލާފަށް ކުރީގައި އޮތް މަރުކަޒީ ސަޤާފަތާއި އެއްގޮތަށް، ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތިކުރުވައި، އެމީހުންނަށް އަދަބުދީގެން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ސިޔާސީ ވަކި ހަރަކާތަކަށް އަމާޒުކޮށްގެން ވަގުތުން އުސޫލު ފާސްކޮށް އެ އުސޫލުގެ ދަށުން އެލްޖީއޭއިން ކައުންސިލަރުންނާމެދު ފިޔަވަޅު އަޅާފައިކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބައެއް އިސްލާހްތައްވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޭ ތެރޭގައި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން ޒިންމާދާރު ކުރުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ވާހަކަ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަން ޖެހޭނެކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެލްޖީއޭގެ ބޯޑު މެންބަރުން އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެބޯޑުގައި ކައުންސިލަރުންގެ ދައުރު އޮންނަ ގޮތައް ބަދަލު ކުރުމާއި އެލްޖީއޭގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ތަފްސީލް ކުރަން ޖެހޭކަމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ބޭނުމަށްޓަކައި މުވައްޒަފުން ވައްދަމުންދާކަމަށް ތުހުމަތުކޮށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށައެޅި ޤަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.