ސިޔާސީ

އައު ސީޕްލޭން ޓަރމިނަލް ދައުލަތަށް ގެއްލުންވާގޮތަށް ކުށްޔަށްދޫކުރަން އުޅޭކަމަށް ތުހުމަތުކޮށް ޚާއްޞަ އޮޑިޓެއް ހަދަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލް، ދައުލަތުގެ ޢާމްދަނީއަށް އަސަރުކުރާގޮތަށް ކުއްޔަށް ދޫކުރަން އުޅޭކަމަށް ތުހުމަތުކުރެވޭތީ ޚާއްޞަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށައެޅުއްވި ހުށައެޅުމުގައި ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެއަރޕޯޓްގައި ތަރައްޤީކުރާ އައު ސީޕްލޭން ޓާރމިނަލް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރުކުރާނެފަދަގޮތަކަށް ޢަމަލުކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން ޔައުޤޫބު ވިދާޅުވީ، ސީޕްލޭން ޓާރމިނަލަކީ އެކުންފުންޏަށް ބޮޑު ޢާމްދަނީއެއް ލިބޭނެތަނެއްކަމަށާ، ނަމަވެސް މިހާރު ބޭނުންކުރާ ޓާރމިނަލްގައި ބޭނުންކުރާ އުސޫލުން އެތަން ކުށްޔަށް ދޫކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ.

އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލަކީ މިހާރު ޚިދުމަތްދޭ ސީޕްލޭން ޓަމިނަލަށްވުރެ އެތައް ގުނައެއް ޖާގައިގެގޮތުން ބޮޑުތަނަކަށް ވީހިނދު އެތަނުން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ޔަޢުޤޫބުގެ ހުށައެޅުމަށް ކޮމިޓީގެ ގިނަ މެންބަރުންވަނީ ތާޢީދުކުރައްވާފައެވެ. ބައެއް މެންބަރުން ވިދާޅުވީ، ސީޕްލޭން ޓާރމިނަލް ބަޔަކަށް ކުއްޔަށްދިނުމަށްފަހު އެކުންފުނިން ރިސޯޓްތަކަށާއި އެނޫންވެސް ފަރާތްތަކަށް ބޭނުން އަގަކަށް ކުށްޔަށް ދިނުމަކީ ދައުލަތަށް އެންމެ ފައިދާވާގޮތް ނޫންކަމަށެވެ. އޭގެ ބަދަލުގައި މިހާރުގެ ސީޕްލޭން ޓާރމިނަލް ހިންގުމުގައި ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، މުޅި ސީޕްލޭން ޓަމިނަލް އެމްއޭސީއެލްގެ ފަރާތުން ހިންގާ އަދި އެމްއޭސީއެލްގެ ފަރާތުން ރިސޯޓްތަކަށް ކުއްޔަށް ދިނުމަކީ އެކުންފުންޏަށާއި، ދައުލަތަށްވެސް އެންމެ ފައިދާވާނެގޮތްކަމަށް މެންބަރުން ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންގެ މި ހުށައެޅުން ފާސްވުމުން ކޮމިޓީގެ މުޤައްރިރުވަނީ އެމްއޭސީއެލްގެ ސީޕްލޭން ޓަމިނަލްއާއި ގުޅޭ ޚާއްޞާ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމަށް ނިންމަވާފައެވެ.

އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޚާއްސަ ލޮބީތަކާއި ލައުންޖުތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޚާއްސަ ތަނެއްވެސް ހުންނާނެއެވެ. އަދި ސީޕްލޭންގެ އޮޕަރޭޝަންތަކަށް މިހާރު ބޭނުންކުރާ ޑޮކްތަކުގެ ޖާގަ ފަންސާސް އިންސައްތަ އިތުރުވެ، އަށްޑިހަ ފަސް ސީޕްލޭންނަށް އޮޕަރޭޓްކުރެވޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއްވައެވެ.

ސީޕްލޭންގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ. މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ.