ޚަބަރު

މަސްވެރިކަމުގެ ބިލަށް ވަރަށްގިނަ އިސްލާޙްތަކެއް ގެންނަންޖެހޭ - މެމްބަރުން


މަސްވެރިކަމުގެ ބިލަށް ކޮމިޓީ މަރުހަލާއިން ވަރަށްގިނަ އިސްލާޙްތަކެއް ގެންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާއަތައް ޤާނޫނީ ބާރުވެރިކަން ހޯދައި، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާގުޅޭގޮތުން ވާހަކަފުޅުދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ބިލުގައި އިސްލާޙް ގެންނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ބިލަށް ވާހަކަ ދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިބިލުން ވަރަށް ސާފުކޮށް މަހައް ލިބޭނެ ހަމަ އަގާއި، މަސްވެރިކަމުން ފުރިހަމަ ނަފާ ލިބޭނެ އުސޫލުތަކާއި، މަސްވެރިންނަށް ޕެންޝަން ލިބޭނެ އުސޫލުތަކާއި، އަންހެނުންނަށް މަސްވެރިކަމުގައި ހަރަކާތްތެރިވެވޭ ގޮތް ސާފުކޮށް ބަޔާން ކުރަންޖެހޭކަމަށެވެ. އަންހެނުންނަކީ މިއަދު މަސްވެރިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއްބަޔަށްވާއިރު، މިބިލުން ފިރިހެން ބޭފުޅުންނެކޭ އެއްގޮތަށް އަންހެން ބޭފުޅުންނަށްވެސް މަސްވެރިކަމުގެ ނަފާ ލިބޭގޮތަށް ބިލު ފަރުމާކުރެވެން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންވަނީ ބިލުގައި ހުރި މައްސަލަތައް ކޮމިޓީ މަރުހަލާއި އިސްލާހު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އެގޮތުން ދަގަނޑު ޖަހައިގެން މަސް ހިފުމާއި، ސްޕޯޓްސް ފިޝިންއަށް ހުރަސް އެޅޭގޮތަށް ހުރި ކަންކަމާއި މިނޫންވެސް ބިލުން މަސްވެރިކަމުގެ ދާއިރާއަށް ހީނަރުކަން އަންނަ ގޮތަށް ހުރި ހުރިހާ މާއްދާއެއް އިސްލާހު ކުރުމަށް މެމްބަރުންވަނީ ގޮވާލައްވަފައެވެ.

މިބިލަށް ވާހަކަ ދެއްކެވި މިނިވަން މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލަށް ބޮޑެތި އިސްލާހު ތަކެއް ގެންނަން ޖެހޭކަމަށް ވާހަކަ ދައްކަވާފައެވެ. ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ މައްސަލަޔަކީ ތަންފީޒީ މަރުހަލާ ތަކުގެ މައްސަލައެއްކަމަށެވެ. މަޖިލީހުން ޤާނޫނު ފާސްކުރި ނަމަވެސް ތަންފީޒު ކުރަން ހަވާލުކުރާ ފަރާތްތަކުން އެކަން ނުކުރާ ކަމީ ފާއިތުވެދިޔަ ސަރުކާރު ތަކުގައިވެސް ދިމާވި އެންމެ ބޮޑު މައްސަކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި ޕީއެންސީ އަދި މިނިވަން މެމްބަރުންވެސް ވިދާޅުވީ މަސްވެރިކަމުން ލިބޭ މަންފާ އާއި ނަފާ ސީދާ މަސްވެރިންނަށް ލިބޭނެ ގޮތަކަށް ބިލް ފަރުމާ ކުރެވެން ޖެހޭކަމަށެވެ. ރާއްޖެއިން ބޭރަށް މިހާރުވެސް ބޭރުކުރަމުންދާ ރޯމަސް ރާއްޖެއިންވެސް ޕެކްކޮށް ބޭރުކުރެވޭނެ މަގު ފަހިކުރެވޭނެ ކަމަށާއި، އެކަން އެގޮތަށް ބަދަލުކޮށްފިނަމަ ދައުލަތަށްވެސް އަދި މަސްވެރިނަންވެސް ލިބޭ މަންފާ ބޮޑުވާނެކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.

މަސްވެރިކަމުގެ ޤާނޫނަކީ މަޖިލީހުގެ މިދައުރުގައި ކުރާ އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި މަޖިލިސް ރައީސްވެސް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ މަސްވެރިކަމުގެ ޤާނޫނަކީ 1987ވަނަ އަހަރު އަމަލުކުރަން ފެށުނު ޤާނޫނެކެވެ.