ކުޅިވަރު

މިފަހަރު އިސްމާއިލް ސާޖިދު ޓީމާއި ގުޅުމުން އުއްމީދު ބޮޑުވެއްޖެ: ލޯންގޭ


ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ) ޓީމްގައި މިފަހަރު ހިމެނުމުން މުބާރާތާއިމެދު ވަރަށް ބޮޑު އުއްމީދެއް ލިބިއްޖެކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފިއެވެ.

މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި އިސްމާއިލް ސާޖިދު ނުހިމެނެއެވެ. އެފަހަރު އާއިލީ ސަބަބުތަކާއި ހުރެ ޕްރެކްޓިސްތަކުގައި ސާޖިދު ބައިވެރިނުވާތީ އޭނާއަށް ކޯޗު ފުރުސަތެއް ނުދެއެވެ. ސާޖިދަކީ 2015ވަނަ އަހަރު މި މުބާރާތުގެ ރިހި މެޑަލް ދިވެހި ޓީމް ހޯދިއިރު ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އެ ފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އިސްމާއިލް ސާޖިދެވެ.

މިމަހުގެ 19 އިން 24 ގެ ނިޔަލަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރަތައް ފަހު ރިޓަޔަރ ކުރަން ނިންމާފައިވާ ލޯންގޭ ބުނީ، ސާޖިދު ޓީމާއި ގުޅުމުން އުއްމީދު ބޮޑުވެއްޖެ ކަމަަށާއި މީގެ ސަބަބުން ކުޅުންތެރިން މުބާރާތާއި މެދު ކުރަމުން އަންނަ އުއްމީދުވެސް ބޮޑުވެއްޖެކަމަށެވެ.

އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރަތައް ޓީމު އޮތީ ވަރަށް ބޮަޑަށް ތައްޔާރުވެފައިކަމަށާއި، ހަމައެގޮތަށް މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ފަރާތުންވެސް އަހަރަ ފަހު އަހަރެއްގައި ތަފާތު ފެންނަކަމަށެވެ. ލޯންގޭ ބުނީ ސާރބިޔާގައި ކުރިޔަށްގެންދިޔަ ތަމްރީންތަކާއި މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށެވެ. އަދި ރާއްޖޭގެ ޓީމުގެ ފެންވަރު ދުވަހަކަށް ވުރެއް ދުވަހެއް މަތިވަމުން އަންނަކަން ލޯންގޭ ފާހަގަކުރިއެވެ.

"އެއްގޮތަކުން ސާޖިދު ޖޮއިންކުރުމަކީ ލިބެނޭ ވަރަށް ބޮޑު އުފަލެއް. އެއީ އަޅުގަނޑު ކުރިންވެސް ސެންޓްރަލް ޒޯންގައި ބުނެފައި އިންނާނެ ކަންނޭންގެ ސާޖިދު ހުރިނަމަ ވަރަށް ބޮޑު ތަފާތެއް ދެއްކޭނޭ. އެގޮތުން މި ފަހަރު ސާޖިދު ޓީމުގައި ހުރުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު އުއްމީދެެއް. މިހާރު އެންމެވެސް މަސައްކަތްކުރަމުން ދަނީ އެއް ޖޯޝެއްގައި ވަރަށް ފޯރީގައި. މުބާރާތުގައި ބައިވެރިވި ޓީމްތައްވެސް އަހަރުން އަހަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން މި ދަނީ. އެގޮތުން ހުރިހާ ޓީމެއްވެސް ވަރަށް ބޮޑަށް ބަދަލުވެފައި މި އޮތީ. ރާއްޖޭ ޓީމުގެ ލެވެލްވެސް ދުވަހަކަށް ވުރެއް ދުވަހެއް ދަނީ މަތިވަމުން". ސެންޓްރަލް ޒޯން މުބާރާތައް ފަހު ރިޓަޔަރ ކުރަން ނިންމާފައިވާ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ.

ސެންޓްރަލް ޒޯން ވޯލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ހިމެނުނީ މުބާރާތް ބާއްވާ ޤައުމު ނެޕާލް އާއެކު ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން އޮތް ޤައުމަކީ ކިރްގިސްތާންއެވެ. މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރާއްޖެ ގަޑިން 6:15 ގައި ނުކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ހަވީރު 4:15 ގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއި ދެކޮޅަށެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.