ކުޅިވަރު

ގޮލޯބަލް ވެޓަރަންސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި


މެލޭޝިއާގައި ކުރިއަށްދިޔަ ގޮލޯބަލް ވެޓަރަންސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ސޮކަ ވެޓަރަންސް އެސޯސިއޭޝަންއިން ކާމިޔާބުކޮށްފިއެވެ.

ސޮކަ ވެޓަރަންސް އެސޯސިއޭޝަންއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2 ލަނޑު 0 ލަނޑުން އިންޑޮނޭޝިއާ ބަލިކޮށްގެންނެވެ. މެޗުގައި ރާއްޖެއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ޢަލީ ޝަމީމް އާއި ޢަބްދުﷲ ވަހީދެވެ.

ރާއްޖެއިން މިމުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ގްރޫޕް ސްޓެޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އާއި ވާދަކޮށް ރާއްޖެއިން ކުރިހޯދީ 1 ލަނޑު 0 ލަނޑުންނެވެ. 2ވަނަ މެޗުގައި އިންޑޮނޭޝިއާގެ މައްޗަށްވެސް ކުރިހޯދީވެސް ހަމަ މި ނަތީޖާއިންނެވެ. 3ވަނަ މެޗުގައި ސައުތް އެފްރިކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ ފަސޭހަކަމާއިއެކު 7 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ރާއްޖެއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ސްރީލަންކާގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރިހޯދައިގެންނެވެ. މިމެޗުގައި ރާއްޖެއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ މުޚުތާރް ނަސީރު އާއި ޢަލީ ޝަމީމެވެ. މީގެތެރެއިން މުޙުތާރް ނަސީރު ވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން 8 ގައުމަކުން ވަނީ ވާދަކޮށްފައެވެ.