ޚަބަރު

އަދީބު ފިލަން މަސައްކަތްކުރި ޓަގު ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ރާއްޖެއިން ފުރުން މަނާކޮށްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފިލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި ޓަގު ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ރާއްޖެއިން ފުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ، އަދީބު ފިލަން އުޅުނު "ވަރގޯ-9" ނަމަކަށްކިޔާ ޓަގު ބޯޓުގެ މައްސަލަ ތަޙްޤީގުކުރަމުން ގެންދާކަމަށެވެ. އަދި ފުލުހުން ކުރިއަށްގެންދާ ތަޙްޤީގުގެ ބޭނުމަށް ޓަގުބޯޓު ރާއްޖެ އައުމުން ހިފަހައްޓާފައިދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އެދުނު އެދުމަށާ، ކަސްޓަމްސްގެ ހުއްދަ ނެތި "ވަރގޯ-9" ފުރުން މަނާކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓަގު ބޯޓުގެ މައްސަލަ ބަލަމުންދާތީ މިމަހުގެ 17ވަނަ ދުވަހުން ފެށިގެން އެބޯޓުގެ ކެޕްޓަނާއި، ޗީފް އިންޖިނިއަރު ފުރުން މަނާކުރި ނަމަވެސް، އެހެން ފަޅުވެރިން ރާއްޖެއިން ފުރުން މަނާކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޓަގު ބޯޓުގެ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވިއެވެ. ޤަވާއިދާ ޚިލާފަށް އިންޑިއާއަށް އެތެރެވާން އުޅޭކަން ފަޅާއަރާފައިވަނީ ޓަގު ބޯޓުގައިހުރި އިންޑިއާގެ ރައްޔިތެއްގެ ފަރާތުންކަމަށް އެޤައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

އަދީބު ޖަލުގައި ބަންދުކޮށްފައި ހުންނެވީ ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވި މައްސަލައިގައި އޭނާއަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީއެވެ. އަދި އޭނާ މިފަހަރު ހައްޔަރުކުރި ފަހުން މާލެ ގެނައި މިއީ ފުރަތަމަ ފަހަރުއެވެ.