ކުޅިވަރު

ޖީޑީއޭ ގާފަރު ފުޓްސަލް މުބާރާތް އަންނަ އަހަރު ކުލަގަދަކޮށް ބާއްވަނީ


ޖީޑީއޭ ގާފަރު ފުޓްސަލް މުބާރާތް ބާއްވަމުން އަންނަތާ ދިހަ އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން އަންނަ އަހަރުގެ މުބާރާތް ވަރަށް ކުލަގަދަކޮށް ބާއްވަން ނިންމާފައިވާ ކަމަށް ގާފަރު ޑެވެލޮޕްމަންޓް އެސޯސިއޭޝަނުން ބުނެފިއެވެ.

ގާފަރު ޑެވެލޮޕްމަންޓް އެސޯސިއޭޝަނުގެ ސްޕޯޓްސް ކޯޑިނޭޓަރ ޝަރީފް ބުނީ މީގެ ނުވަ އަހަރު ކުރިން މުބާރާތް ބާއްވަން ފެށީ ރަށުގެ އެންމެން އެކުގައި މަސައްކަތްކޮށް އެކުވެރިކަން އާލާ ކޮށްލާނެ މާހައުލެއް އުފައްދަން ކަމަށާއި، ނަތީޖާއެއްގެ ގޮތުން މިހާރު ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއްގެ އިތުރުން ގާފަރަށް އުފަން ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއްވެސް އުފެދިއްޖެކަމަށެވެ.

ޝަރީފް ބުނީ، މިހާރު ބޭނުންވަނީ މުބާރާތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް ފައިސާގެ އިނާމްތައްވެސް ބޮޑުކުރަން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މުބާރާތަކީ ދިހަވަނަ މުބާރާތްކަމުން ވަރަށް ކުލަގަދަކޮށް މުބާރާތް ބާއްވަން ރާވަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ގާފަރު ޑެވެލޮޕްމަންޓް އެސޯސިއޭޝަނުން ބައްވަމުން އަންނަ ޖީޑީއޭ ގާފަރު ފުޓްސަލް މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ހޯދީ ވައިޕާސްއިންނެވެ. އެޓީމުން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އޯކޭ ބޯއީސްގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.