ކުޅިވަރު

އަޝްފާގު ގައުމީ ސްކޮޑުގައި ނުހިމެނެންވީ އެއްވެސް ސަބަބެއް ނުވިސްނޭ: އިމްރާން


އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ސްކޮޑުގައި ނުހިމެނެންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.

ކުރިއަށް އޮތް އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހިމަނާފައި ނުވުމުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިމްރާން ބުނީ، ގައުމީ ޓީމަށް ނަގަންވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށެވެ.

އިމްރާން ވަނީ، އަޝްފާގް ގައުމީ ސްކޮޑުގައި ނުހިމެނުމުގައި ޒާތީ ކަންތައްތަކެއް އުޅޭކަމަށް ސިފަކޮށްފައިެވެ. އިމްރާން ބުނީ، ގައުމީ ޓީމް އެކުލަވާލުމުގައި ޒާތީވުމަކީ ވަރަށް ދެރަކަމެއް ކަމަށާއި، އަޝްފާގް ގައުމީ ސްކޮޑުގައި ނުހިމެނެންވީ އެއްވެސް ސަބަބެއް ނުވިސްނޭކަމަށެވެ. އަދި އަޝްފާގް އަކީ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، މިހާރުވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަކަމަށް އިމްރާން ފާހަގަކުރިއެވެ.

އިމްރާން ބުނީ ގައުމީ ސްކޮޑް އެކުލަވާލުމުގައި ޒާތީވުމުން އޭގެ ހުރިހާ ނޭދެވޭ އަސަރެއް ކުރާނީ ދިވެހި ފުޓުބޯޅައަށް ކަމަށް. އަދި ގައުމީ ޖަރޒީގައި އަޝްފާގް އަދިވެސް ކުޅޭތަން ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އިމްރާން ބުންޏެވެ.

އަޝްފާގްވެސް ވަނީ ދާދިފަހުން ގައުމީ ޓީމަށް ކުޅެން ބޭނުންވާކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން މިހާރު ނޫހުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމަށްފަހު އަޝްފާގް ބުނީ، ގައުމަށް ޚިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އުފަލާއިއެކު އަދިވެސް ބަލައިގަންނަން ތައްޔާރަށް ހުރިކަމަށެވެ.

ކޮލިފައިން މެޗުތަކަށް އެންމެފަހުން ނެގި ގައުމީ ސްކޮޑުގައި އަޝްފާގް ނެތުމުން ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު އަންނަނީ އަޝްފާގް ގައުމީ ޓީމުގައި ހިމެނެން ޖެހޭކަމަށްބުނެ ކޯޗް ޕީޓަރ ސެގާޓްއަށް ފާޑުކިޔަމުންނެވެ.