ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި


ސަރުކާރުން ކުޑަކުދިންގެ ޢަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް ޤާއިމުކުރެވިގެން ދާނެއެވެ.

މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ކަނޑައެޅިގެންދާނެއެވެ. މި ބިލުގައި އުމުރު ކަނޑައަޅާފައިވަނީ، އިސްލާމީ ޤައުމުތަކުގައި ކަނޑައަޅާފައިވާ ޢުމުރަށް ރިޢާޔަތްކޮށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބިލުގެ ދަށުން، ދާޚިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައްވެސް ކަނޑައެޅިގެން ދާނެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށްވެސް މި ބިލުގައި ލާޒިމްކުރެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޚާއްޞަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ޙައްޤު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގައި ގެންގުޅެންޖެހޭނެ ޚާއްޞަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.