ވިޔަފާރި

ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި


ދަނޑުވެރިކަމުގައި ޕެސްޓިސައިޑްސް ބޭނުންކުރުމާއި އުފެއްދުމާ ގުޅޭ ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕެސްޓިސައިޑްސް ބިލުގެ ބޭނުމަކީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައެޅުންކަމަށް ސަރުކާރުން ބުނެއެވެ. އަދި ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައިވެސް ސަރުކާރުން ދެކެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، އެގްރިކަލްޗަރ މިނިސްޓްރީގައި ޤާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައްވެސް މިޤާނޫނުގެ ދަށުން ޤާއިމްކުރެވިގެންދާނެއެވެ.

މިބިލުގައި ޤާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބައެއް ކުށްތަކުގެ އަދަބެއްގެ ގޮތުން ފަސް ހާސް ރުފިޔާއާއިި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާކުރުން ހިމެނެއެވެ.