ކުޅިވަރު

މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ކަމަށް ދެކިގެންނުވާނެ: ކޯޗު ސާޖިދު


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއްކަމަށް ނުދެކޭކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިމަހު 19 އިން 24 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި 7 ޤައުމަކުން ވާދަކުރެއެވެ. މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއި ދިވެހިރާއްޖެ އަދި ކިރްގިސްތާން ހިމެނެނީ ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމު ތަކަކީ އުޒްބެކިސްތާން، ތުރުކެމެނިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝްއެވެ.

ނޭޕާލްގެ ފުރަތަމަ ފަރިތަކުރުންތަކަށްފަހު ވާހަކަދައްކަމުން ކޯޗު މުޙައްމަދު ސާޖިދު ބުނީ މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއްކަމަށް ދެކިގެން ނުވާނެކަމަށާއި، އެެއްވެސް ޓީމެއް މުބާރާތުގައި ކުޅެލާފައި ދާން ނާންނާނެކަމަށެވެ. ސާޖިދު ބުނީ މުބާރާތުގައި ވާދަކުރާ ނޭޕާލް ޓީމާއި ބަންގްލަދޭޝް ޓީމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށާއި، އެންމެ ފަހުން ބޭއްވި މުބާރާތައް އައި މީހުނަށް އެކަން އިނގޭނެކަމަށެވެ. އަދި މިހާރު އެޓީމުތަކުގައި އެ ތިބީ އިސްކޮޅު ދިގު ޒުވާން ކުޅުންތެރިންކަން ކޯޗު ސާޖިދު ފާހަގަކުރިއެވެ.

"ސެެންޓްރަލް ޒޯނަށް ކުރިން އައި މީހުނަށާއި ބެލި މީހުނަށް އިނގޭނެ މިހާރު ބަންގްލަދޭޝް ޓީމަށް އައިސްފައި އޮތް ބަދަލާއި ނޭޕާޅް ޓީމަށް އައިސްފައި އޮތް ބަދަލާއި މިހެން ގޮސް ހުރިހާ ޓީމަކަށް އައިސްފައި އޮތް ބަދަލު. ގާތްގަނޑަކަށް އެންމެ ފަހުން ކުުޅުނު ކުޅުންތެރިންތަކުގެ ތެރެއިން އެންމެ 3 ކުޅުންެތެރިން މިހާރު ޓީމުގައި އެ ތިބީ. ދެން މިހާރު މުޅިންކަހަލަ ގޮތަކަށް އެ އޮތީ އިސްކޮޅުން ދިގު ޒުވާން ކުޅުންތެރިންތަކެއް ޓީމަށް ނަގާފައި. އެހެންވީމަށް އަޅުގަނޑަށް އިނގޭ އެއްޗަކީ މުބާރާތައް އަންނަ އެެއްވެސް ޓީމަކީ ބަލި ޓީމެއް ކަމަށް ދެކިގެން ނުވާނެ. ހަމަ ކުޅެލާފައި ދާކަށް އެމީހުނެއްވެސް ނާންނާނެ". ކޯޗު ސާޖިދު ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ހޯމަދުވަހު ފަށާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތުރުކެމެނިސްތާނާއި އަފްގާނިސްތާންއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު 6:15 ގައި ނުކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުދަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލްއާއި ދެކޮޅަށެވެ.