މުނިފޫހިފިލުވުން

"ޑާންސް ޕްލަސް"ގެ 5ވަނަ ސީޒަން އަންނަނީ


އިންޑިއާގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ "ޑާންސް ޕްލަސް"ގެ 5ވަނަ ސީޒަން ވަރަށް އަވަހަށް ފަށަން ނިންމައިފިއެވެ.

ކޮރިއޯގްރަފަރ އަދި ޑައިރެކްޓަރ ރެމޯ ޑިސޫޒާގެ މި ޝޯވއަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި، ވަކިން ޙާއްސަކޮށް ނެށުމުގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝޯވއެކެވެ.

ސްޓަރ ޕްލަސް އިން ގެނެސްދޭ މި ޝޯވގެ 5ވަނަ ސީޒަންގެ އޮޑިޝަންތައްވެސް މިހާރު ވަނީ ފަށާފައެވެ.

"ޑާންސް ޕްލަސް" ކުރިއަށް ގެންދަނީ ޝޯވގެ ޖަޖުންގެ ގޮތުގައި ފެނިގެންދާ ރެމޯ އިސް ޖަޖެއްގެ ގޮތުގައި ހުރެގެން، މަޝްހޫރު ކޮރިއޯގްރަފަރ ޝަކްތީ މޯހަން، ދަރުމޭޝް ޔެލަންދޭ އަދި ޕުނިތް ޖޭ ޕަތަކްގެ ކޯޗުކަމުގައި ތިބޭ ބައިވެރިންގެ ނެށުންތައް ގެނެސްދޭ ޝޯވއެއްގެ ގޮތުގައެވެ. ޝަކްތީ، ދަރުމޭޝް އަދި ޕްނީތް އަކީ ޒީޓީވީން ގެނެސްދޭ "ޑާންސް އިންޑާ ޑާންސް" ޝޯވ އިން ވިދާލި ފަންނާނުނެވެ.

މި ޝޯވގެ އެންމެ ފަހުގެ ދެސީޒަންވެސް ކާމިޔާބު ކޮށްފައިވަނީ ޕުނީތް ޓީމުންނެވެ. ޕުނީތް ވަނީ ކަލާޒް އިން ގެނެސްދޭ ސްޓަންޓް ރިއަލިޓީ ޝޯވ "ކަތުރޯންކޭ ކިލާޅީ"ގެ 9ވަނަ ސީޒަންވެސް ކާމިޔާބު ކޮށްފައެވެ.

"ޑާންސް ޕްލަސް"ގެ ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ކޮރިއޯގްރަފަރ ރާގަވް ޖުޔަލްއެވެ. ރާގަވް އަކީވެސް "ޑާންސް އިންޑާ ޑާންސް" އިން ވިދާލި ޒުވާން ނެށުންތެރިއެކެވެ.

ސްޓަރ ޕްލަސް އިން މިހާރުވެސް އަންނަނީ އެ ޗެނެލްގެ އެންމެ ކާމިޔާބު އެއް ޝޯވކަމަށްވާ ސެލެބްރިޓީ ކަޕްލްސްގެ ޑާންސް ޝޯވ "ނަޖްބަލިޔޭ"ގެ 9ވަނަ ސީޒަން ދައްކަމުންނެވެ.

"ޑާންސް ޕްލަސް" ދައްކަން ފަށާ ތަރީހެއް އަދި ހާމަކޮށްފައި ނުވިނަމަވެސް ރިޕޯޓްތައް ބުނާގޮތުން މި ޝޯވ ދައްކަން ފަށާނީ މިހާރު ބޮޑު ތަރުހީބެއް ލިބެމުންދާ "ނަޗްބަލިޔޭ"ގެ 9 ވަނަ ސީޒަން ނިމުނީމައެވެ. މިޝޯވގެ ފަސްވަނަ ސީޒަން ފެށުމަށް ތައްޔާރު ވަމުން އަންނަ އިރު މީގެ ކުރިން ގެނެސްދިން 4 ސީޒަނަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.