ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް: ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދެކޮޅަށް


އޭޝިއަން ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

މިމަހުގެ 19 އިން 24 ގެ ނިޔަލަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގައި 7 ޤައުމު ވާދަކުރާއިރު ރާއްޖެ ހިމެނުނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއެކު ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޤައުމަކީ ކިރްގިސްތާންއެވެ. ގްރޫޕްބީގައި ހިމެނޭ ޤައުމުތަކަކީ އުޒްބަކިސްތާނާއި ބަންގްލަދޭޝް އާއި އަފްގާނިސްތާން އަދި ތުރުކުމެނިސްތާނެވެ.

މުބާރާތް ހުޅުވާ މެޗުގައި ހޯމަދުވަހު މެންދުރު ބައްދަލުކުރާނީ ތުރުކެމެނިސްތާނާއި އަގްގާނިސްތާންއެވެ. މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު އިރުއޮއްސި 6:15 ގައި ނުކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ނޭޕާލްއާއި ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހު ހަވީރު 4:15 ގައެވެ.

މިއަހަރުގެ މުބާރާތައް ރާއްޖޭގެ ޓީމު ދިޔައީ ރަން މެޑަލް ހޯދުމަށް ޓާގެޓް ކަނޑައަޅައިގެންނެވެ. އެގޮތުން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުމަށް ޤައުމީ ވޮލީބޯޅަ ޓީމު ވަނީ ދުރާލާ ތައްޔާރުވާން ފަށާފައެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ވޮލީޓީމަށް ވަނީ ވާދަވެރި މެޗުތަކެއް ކުޅެ، އަދި މީގެ އިތުރުން ވޮލީގެ ގަދަ ބާރެއް ކަމަށްވާ ސަރބިޔާގައި ފަނަރަ ދުވަހު ތަމްރީން ހަދާފައެވެ.

އަދި އޭގެ ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު އަނެއް ދެމެޗުން ބަލިވިނަމަވެސް ރަނގަޅު ފައިޓެއް ވަނީ އެޓީމުތަކަށް ދީފައެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރަތައް ފުރުމުގެ ކުރިން ޔޫތް މިނިސްޓަރ އަޙުމަދު މަހޫލޫފްގެ ދަޢުވަތަކަށް ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމު މާލެ ގެނެސް، އެ ޓީމާއެކުވެސް ރާއްޖޭގެ ޓީމު ވަނީ ތިން މެޗު ކުޅެ ރަނގަޅު ތަޖުރިބާތަކެއް ހޯދާފައެވެ.

އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން ދެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކާމިޔާބެއް ލިބޭ ގޮތް ނުވި ނަމަވެސް މި މުބާރާތުން ރާއްޖެ ވަނީ ސިލްވަރ އަދި ބްރޯންޒް މެޑަލް މީގެ ކުރިން ހޯދާފައެވެ. މި މުބާރާތައް ފަހު ރާއްޖެއިން ދެން ވާދަކުރާނީ ޑިސެންބަރު މަހު އޮންނަ ސާފް ގޭމްސްގައެވެ.