ޚަބަރު

މިނިވަން 50 ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް ބާއްވައިފި


މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން "ދަރިވަރުންގެ ބައިވެރިވުން" މި ނަމުގައި މިއަދު މާލެއާއި އަތޮޅުތަކުގައި ޚާއްސަ ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން "ދަރިވަރުންގެ ބައިވެރިވުން" މި ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުން ފަށާފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުންނެވެ.ހޯމް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވާއިރު، ހިނގާލުމުގެ ބައިވެރިން ބޭނުންކޮށްފައިވަނީ ޤައުމީ ދިދަ ރަމްޒުކޮށްދޭ ފަދަ ކުލަތަކެވެ.މިނިވަން ފަންސާހާއިގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސްކޫލު ކުދިންނަށް އަމާޒުކޮށްގެން މިފަދަ ހަރަކާތެއް ބޭއްވުމުގެ ސަބަބުން ޤައުމީ ރޫހާއި ޤައުމީ ލޯބި އެކުދިންގެ ހިތްތަކުގައި އާލާވެ، ޤައުމީ ވަންތަކަމާއި، އެކުވެރިކަން އިތުރުވެގެންދާނެކަން އެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.ސްކޫލު ދަރިވަރުންގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެންމެ ފާހަގަކުރެވިގެންދިޔަ ހަރަކާތަކީ ހިނގާލުން ނިންމާލުމުގެ ގޮތުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރިއަށްދިޔަ ސްކައި ޑައިވް ނުވަތަ ވައިކުޑައިގެ ހަރަކާތްތަކެވެ. މި ހަރަކާތާއިއެކު މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްކައި ޑައިވްގެ ބައިވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށިގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މި ހިނގާލުމުގައި ބައިވެރިވި ބައެއް ދަރިވަރުން ބުނީ ދިވެހިން މިނިވަންކަންމަތީ އަބަދުގެ އަބަދަށް ދެމިތިބިކަން ހާމަކޮށްދިނުމަށްޓަކައި ޤައުމީ މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިއުމަކީ ލިބުނު ޝަރަފެއްކަމަށާއި، މިފަދަ ހަރަކާތެއްގައި ބައިވެރިވުމުން އެކަމާއި އުފާކުރާކަމަށެވެ.ދަރިވަރުންގެ ބައިވެރިވުން – މިނަމުގައި ކުރިއަށްގެންދިޔަ މި ހިނގާލުން މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިނިވަން ފަންސާހާއި ގުޅިގެން މިފަދަ އިތުރު ހަރަކާތްތައް އަދިވެސް ކުރިއަށް ރޭވިފައިވާކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.