ޚަބަރު

ނަފްސާނީ ބަލި މީހުންނަށާއި، އަޅާލާނެ ފަރާތެއް ނެތް މީހުންނަށް މާލީ އެހީ ދޭންފަށަނީ


އަންނަ އަހަރުން ފެށިގެން ނަފްސާނީ ބަލި މީހުންނަށާއި، އަޅާލާނެ ފަރާތެއް ނެތް މީހުންނަށް މާލީ އެހީދޭން ފަށާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވިދާޅުވެއްޖެއެވެ.

އެންސްޕާގެ ސީއީއޯ އިސްމާޢިލް ޢައްޒާމް ވަޖީޙް ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން 11 ދާއިރާއަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމްކުރާކަމަށެވެ. ނަމަވެސް މިހާތަނަށް މާލީ އެހީ ފޯރުކޮށްދެމުން އައިސްފައިވަނީ މަދު ދާއިރާތަކަކަށްކަން ޢައްޒާމް ފާހަގަކުރެއްވިއެވެ.

އެގޮތުން އެންސްޕާއިން މިހާރު މާލީ އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ފަޤީރުހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީއާއި، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަން ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނާއި އެކުދިން ބަހަލަހައްޓާ ފަރާތްތަކަށްދޭ މާލީ އެހީއާއި، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދޭ މާލީ އެހީތެރިކަމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މަލީ އެހީއާއާއި، ބޭސްފަރުވާގެ ގޮތުގައި ދެވޭ މާލީ އެހީ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެންސްޕާގެ ސީއީއޯ ޢައްޒާމް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މާލީ އެހީތެރިކަން ދިނުން ލާޒިމްކުރާ ދެ ޕްރޮގްރާމެއް އަންނަ އަހަރު ތަޢާރަފްކުރައްވާނެކަމަށެވެ. އެގޮތުން ނަފްސާނީ ބަލި މީހުންނަށް މާލީ އެހީ އަންނަ އަހަރުން ފެށިގެން ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޅާލާނެ ފަރާތެއް ނެތް މީހުންނަށްވެސް އަންނަ އަހަރު މާލީ އެހީދިނުމަށް ނިންމާފައިވާކަމަށާއި، އެކަމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލާފައިވާކަމަށް ޢައްޒާމް ވިދާޅުވިއެވެ. އަދި އެ ޤަވާއިދުތަކާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް ޢައްޒާމް ވިދާޅުވިއެވެ.

"އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުން ލާޒިމްކުރާ އައު ދެ ޕްރޮގްރާމް އަންނަ އަހަރަށް ޓާގެޓްކޮށްގެން ކުރެވެމުން މިދަނީ. ނަފްސާނީ ބަލިމީހުންނާއި، އަޅާލާނެ ފަރާތެއް ނެތް މީހުންނަށް މާލީ އެހީދިނުމަށް ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލެވި މި ޤަވާއިދު ސްޓޭކްހޯލްޑަރުްނާއި މަޝްވަރާކުރުން ކުރިއަށްދަނީ. މިއީ އަޅުގަނޑުމެން ކުރިއަށްގެންދަން ރޭވިފައިހުރި ބައެއް ޕްރޮގްރާމްތައް." ޢައްޒާމް ވިދާޅުވިއެވެ.

އަންނަ އަހަރު ނަފްސާނީ ބަލިމީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާއިރު ނަފްސާނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ހޯދައިދިނުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ނަފްސާނީ ބަލި މީހުންނަށް ޚާއްޞަ ފަރުވާދޭ މަރުކަޒެއްވެސް އައިޖީއެމްއެޗްގައި ހުޅުވާފައެވެ.

އެންސްޕާގެ ސީއީއޯ ވަނީ މާލީ އެހީތެރިކަން ހޯދުމަށް އެންސްޕާއަށް ހުށައެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަންވެސް ފާހަހަގަކުރައްވާފައެވެ. އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކަށް އެހީ ހޯދުމަށް އެދި ސިޓީ ފޮނުވާގޮތަށް އޮތް އޮތުން ބަދަލުކޮށް އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން މިހާރު ކޮންމެ ކަމަކަށްވެސް ޚާއްޞަ ފޯމްތަކެއް ތަޢާރަފްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯގެ ވާހަކާގައި ވަނީ މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ޤަވާއިދުތައް އަލުން މުރާޖާކުރުންވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގައި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމްކުރާ 11 ދާއިރާގެ ތެރެއިން އަދި މިހާތަނަށް މާލީ އެހީތެރިކަން ފޯރު ނުކޮށްދޭ ދާއިރަތަކުގެ ތެރޭގައި ނަފްސާނީ ބަލީގެ މީހުންނަށް ދޭ އެހީއާއި، ކަރަންޓު ބިލު ދެއްކުމަށް ދޭ އެހީއާއި، ފެން ބިލު ދެއްކުމަށް ދޭ އެހީއާއި، ގޯތިގެދޮރުގެ އެހީއާއި، ކުއްލި ޙާލަތެއް ދިމާވެގެން ރައްކާތެރިކަން ދިނުމުގެ ގޮތުން ދޭ އެހީގެ އިތުރުން އެކިއެކި ޞިނާޢީ ދާއިރާތަކުގައި ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތި ޙާލެއްގެ ސަބަބުން ދޭންޖެހިއްޖެނަމަ ދޭ އެހީއާއި ދަރިވަރުންނަށް ދޭ އެހީ ހިމެނެއެވެ. އެދާއިރާތަކުންވެސް މާލީ އެހީދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނަކީ ފަޤީރުކަމުގެ ލޮޅުންތަކުން ރައްޔިތުންގެ ތެރެއިން ދަތި ޙާލުގައި ޖެހޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ދިނުމަށާއި، މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ޤައުމުގެ ހުރިހާ ވަސީލަތް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމާއެކު އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.