ޚަބަރު

ސިހުރު ހާހޫރައިގެ ވަބާ ފެތުރެނީ ނަފްސުގެ މައްޗައް މާއްދީއްޔަތު ވެރިވެ ޢަޤީދާ ބަލިކަށިވުމުން - ޙުތުބާ


އިސްލާމީ މުޖުތަމަޢުގައި ސިޙްރު ހާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ ހިތްތައް ހަރުވެ ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ ޢަޤީދާ ބަލިކަށި ވުމުންކަމަށް ހުކުރު ޙުތުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޙުޠުބާގައި ވަނީ ސިހުރު ހާހޫރައިގެ ނުބައިކަމާއި އިސްލާމް ދީނުގައި މިކަމާ ގުޅޭގޮތުން ހުރި ހުކުމްތައް ކިޔާދީފައެވެ.

ސިހުރު ހާހޫރައިގެ ނުބައިކަން ބަޔާންކުރައްވާ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ސިހުރުގެ ސަބަބުން މީސްތަކުން ވަހްމާއި ޝައްކުގެ ތެރެއަށް ގެނބި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވެ އެ ވަބާ ފެތުރެމުންދާކަމަށެވެ. އަދި މީގެ ސަބަބުން ޤުރުޢާން ކިޔެވުމާއި ޒިކުރު ކުރުން މަދުވެ ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެއްޓަކަށް ގެދޮރު ބަދަލުވެ ސިހުރުގެ ވަބާ ފެތުރެމުންދާކަމަށްވެސް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ސިޙުރު ހެދުމަކީ ބޮޑެތި ފާފާއިގެ ތެރޭގައި ހިމެނޭ ހަރާމް ކަމެކެވެ. ޙުތުބާގައިވަނީ ޢައްރާފެއްގެ ގާތަށްގޮސް ކަމަކަށް އެދުނުމީހާގެ ކިބައިން ސާޅީސް ދުވަހުގެ ނަމާދު ޤަބޫލު ނުކުރެވޭނެކަމަށް ރަސޫލާ ހަދީސްކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ހުޠުބާގައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ސިޙުރު ހާހޫރަ ގިނަވަމުން ދިއުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ސިޙުރު ހާހޫރަ އާއި ދީނުގައި ހުއްދަ ނޫން އެތައް ކަމެއް ދަސްކޮށްދީ އުޅޭކަން ޙުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚުޠުބާގައިވަނީ ބައްޔެއް ނުވަތަ މުސީބާތެއް ޖެހުމުން މާތް ﷲގެ ވާގިފުޅަށް އެދުމުގެ ބަދަލުގައި ސިހުރުވެރިންގެ ގާތުން މަދަދާއި އެހީތެރިކަން ހޯދާކަމީ ހިތާމަހުރި ކަމެއްކަން ބަޔާންކުރައްވާފައެވެ. އަދި ބައެއް މީހުން ސިހުރުވެރިންގެ ގާތަށް ދަނީ ހެޔޮ ނިޔަތުގައިކަމަށް ބުނާ ވާހަކައަށް އިޝާރާތްކުރައްވައި ހުކުރު ޚުޠުބާގައި ވަނީ ހެޔޮ ނިއަތުގައި އިސްލާމް ދީނުގައި ހަރާން ކުރައްވާފައިވާކަމެއް ކުރެވިދާނެތޯ ސުވާލު ކުރައްވާފައެވެ.

ޚުޠުބާގައިވަނީ ސިހުރުވެރިންގެ ނުބައި އަމަލުތަކުގެ ސަބަބުން މީހުންގެ މުދަލާއި ފުރާނަ ގެއްލި، މީހުންގެ މެދުގައި ފިތުނަވެރިކަން ފެތުރި ނާމާންކަން މުޖުތަމަޢުގައި ފެތުރިގެންދާކަން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާކަން ފާހަގަކުރައްވައި އެކަމުގެ ނުބައިކަން ބަޔާންކުރައްވާފައެވެ. އަދި ސިހުރު ހާހޫރައިގެ ނުބައިކަމުން ސަލާމަތްވެވޭނީ މާތް ގެ ހަޟްރަތަށް ރުޖޫއަވެ ދުޢާކޮށް ޛިކުރުކުރުން ގިނަކޮށްގެންކަމަށްވެސް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.