ވިޔަފާރި

އެސްޓީއޯގެ ކޮންމެ ހިއްސާއަކަށް 76 ރުފިޔާ ބަހަން ނިންމައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް މިދިޔަ އަހަރު ލިބިފައިވާ 480 މިލިޔަން
ރުފިޔާގެ ސާފު ފައިދާއިން، ކޮންމެ ހިއްސާއަކަށް 76 ރުފިޔާ ބަހަން އެކުންފުނީގެ
އަހަރީ އާންމުޖަލްސާގައި ފާސްކޮށްފިއެވެ.



ހޮޓެލްޖެންގައި އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ
ފައިދާއިން ހިއްސާއަކަށް 76 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެ
ތިބި 453 ހިއްސާދާރުންގެ ތެރެއިން 256 ހިއްސާދާރުންގެ އަގްލަބިއްޔަތުންނެވެ.
މިގޮތަށް ފާސްކޮށްފައިވާއިރު މިއީ ދެހާސް ތޭރަވަނަ އަހަރު އެސްޓިއޯގެ ފައިދާގެ
ގޮތުގައި ބެހި 24 ރުފިޔާއަށްވުރެ ތިނެއް އިންސައްތަ ބޮޑު އަދަދެކެވެ. ދެހާސް
ތޭރަވަނަ އަހަރު އެސްޓީއޯއަށް ފައިދާގޮތުގައި ލިބިފައިވަނީ 164 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފައިވާއިރު
މިއީ ދެހާސް ތޭރަވަނަ އަހަރާ އަޅާބަލާއިރު 316 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.



ފާއިތުވި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 9.1 ބިލިއަން
ރުފިޔާ ލިބިފައެވެ.  ދެހާސްތޭރަ ވަނަ
އަހަރު އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވީނަމަވެސް ދެހާސް
ތޭރަވަނަ އަހަރު ލިބުނުފައިދާއަށްވުރެ ބޮޑު ފައިދާއެއް ދެހާސް ސާދަވަނަ އަހަރު
އެސްޓީއޯއަށްވަނީ ލިބިފައެވެ.



އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާއިން ބަހާނެ އަދަދެއް ކަނޑައެޅުމުގެ
އިތުރުން ކުންފުނީގެ އަހަރީ ހިސާބާއި އެންމެ ފަހުން ބޭއްވި އަހަރީ ޖަލްސާގެ
ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ
ބޯޑްގައި ޑިރެކްޓަރެއްގެ ގޮތުގައި ތަމްސީލް ކުރާ ފަރާތަކަށް މިދިޔަ އަހަރުވެސް
އެމަގާމްގައި ހުރި މުހައްމަދު ފަރުޝަތުވަނީ ހޮވާފައެވެ. އަދި 2015 ވަނަ
އަހަރުގެ  އެސްޓީއޯގެ އަހަރީ މާލީ
ހިސާބްތަށް އޮޑިޓްކުރުމަށް ކޭޕީއެމްޖީ ވަނީ ހޮވާފައެވެ. އެސްޓީއޯގެ އަހަރީ އާންމު
ޖަލްސާ ނިންމާލާފައިވަނީ ހިއްސާދާރުން ކުންފުންޏާމެދު ދެކޭގޮތާއި އަދި
ހިއްސާދާރުންގެ ސުވާލުތަކަށްފަހުއެވެ. ޖަލްސާ ނިންމާލަމުން އާންމު ހިއްސާދާރުން
ކުރި ސުވާލަތަކަށް ޖަވާބްދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު
ޝަހީރު ވިދާޅުވީ މިހިގާ ދެހާސް ފަނަރަ ވަނަ އަހަރަކީވެސް އެކުންފުންޏަށް
ފައިދާވާނެ އަހަރެއްކަމަށެވެ.